ޚަބަރު

ދެބައިކުޅަ އެއް ބަޔަށް ވުރެ ގިނަ އަޑުއެހުން ކެންސަލްވީ ކޯޓްގެ ސަބަބުން


ކްރިމިނަލްކޯޓުގައި ހިގަމުންދާ ޝަރީއަތްތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ގިނަ އަޑުއެހުންތައް ކެންސަލްވީ އިދާރީ ސަބަބުތަކާއި ހެދިކަމަށް އެކޯޓްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއްމުކުރި ކްރިމިނަލްކޯޓްގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ އެއްވަނަ ދުވަހުން އޮކްޓޯބަރުގެ ނިޔަލަށް ކްރިމިނަލް ކޯޓްގައި ބާއްވަން ތާވަލުކުރީ 7850 އަޑުއެހުމެވެ. އޭގެތެރެއިން ޖުމްލަ 4424 އަޑުއެހުމެއް ވަނީ އެކި ސަބަބުތަކާއި ހެދި ކެންސަލްވެފައެވެ. ކެންސަލްވި އަޑުއެހުންތަކުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އަދަދެއްގެ އަޑުއެހުން ކެންސަލްވީ އިދާރީ ސަބަބުތަކާއި ހުރެއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އިދާރީ ސަބަބުތަކާއި ހުރެ 2502 އަޑުއެހުމެއް ވަނީ ކެންސަލްކުރަން ޖެހިފައެވެ.

ދެން އެންމެ ގިނަ އަޑުއެހުން ކެންސަލްކުރަން ޖެހުނީ ދައުވާ ލިބޭ ފަރާތާއި ގުޅުން ހުރި ސަބަބުތަކާއި ހެދިއެވެ. އަދި ދިފާއީ ވަކީލާ ގުޅުން ހުރި އެކި ސަބަބުތަކާއި ހެދި 364 އަޑުއެހުމެއް ވަނީ ކެންސަލްކުރަން ޖެހިފައެވެ. ކެންސަލްކުރަން ޖެހުނު އަޑުއެހުންތަކުގެ ތެރެއިން 323 އަޑުއެހުމެއް ކަރެކްޝަނާއި ގުޅުން ހުރި އެކި ސަބަބުތަކާއި ހެދި ވަނީ ކެންސަލްކޮށްފައެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ސަބަބުން 312 އަޑުއެހުމެއް އަދި ފުލުހުންގެ އިދާރާގެ ސަބަބުން 198 އަޑުއެހުމެއް ކެންސަލްކުރަން ޖެހުނުކަން ޑީޖޭއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކްރިމިނަލްކޯޓުގައި މިދިޔަ އަހަރު ޝެޑިއުލް ކުރި މައްސަލަތަކުގެ ތެރެއިން 3426 އަޑުއެހުމެއް ވަނީ ބާއްވާފައެވެ.

ޑިޖޭއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކްރިމިނަލްކޯޓަށް މިިދިޔަ އަހަރު 985 މައްސަލައެއް ހުށައެޅުނު އިރު މިިދޔަ އަހަރު ނިމުނުއިރު ކޯޓްގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 1711 އަށް އަރައެވެ. މި މައްސަލަތަކުގައި ދައުވާ ލިބޭ މީހުންގެ ޖުމްލަ އަދަދަކީ 2238 އެވެ. ކްރިމިނަލް ކޯޓަށް ހުށައެޅި މައްސަލަތަކުގައި ހިމެނޭ 248 މީހަކު ބަންދުގައި އެބަތިބިކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.