ކުޅިވަރު

ސަދެމްޓަން ބައްދަލުކުރިމެޗް ނިއުކާސްލް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ނިއުކާސްލް ޔުނަަައިޓެޑާއި ސަދެމްޓަން ބައްދަލުކުރިމެޗް ނިއުކާސްލް ކާމިޔާބުކޮށްފިއެވެ. ނިއުކާސްލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ.

ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 18 ވަނަ މިނެޓްގައި ކާމިޔާބުކުރީ ޖެނުއަރީ ޓްރާންސްފަރ ވިންޑޯގައި ލޯން އެއްބަސްވުމެއްގެ ދަށުން އާސެނަލްއިން ނިއުކާސްލްއަށް ބަދަލުވި ޖޯ ވިލޮކްއެވެ. އަދި މިމެޗްގެ ދެވަނަ ލަނޑު މެޗްގެ 26 ވަނަ މިނެޓްގައި ކާމިޔާބުކުރީ ނިއުކާސްލްގެ މިގުއެލް އަލްމިރޯންއެވެ. ނަމަވެސް މިލަނޑު ޖެހިތާ 4 މިނެޓްފަހުން ސަދެމްޓަންއަށް ޖެނުއަރީގައި ލިވަޕޫލުން ބަދަލުވި ޓަކޫމީ މިނަމީނޯވަނީ ލަނޑެއް ޖަހާ އެޓީމަށް އުންމީދު އާކޮށްދީފައެވެ. މިމެޗްގައި ނިއުކާސްލްގެ ތިންވަނަ ލަނޑު ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ޖަހާދިނީ ދެވަނަ ލަނޑުވެސް ޖެހި އަލްމިރޯންއެވެ. ސަދެމްޓަންގެ ދެވަނަ ލަނޑު މެޗްގެ 48 ވަނަ މިނެޓްގައި ޖަހާދިނީ ކެޕްޓަން ޖޭމްސް ވާރޑް ޕްރޯސްއެވެ. މިލަނޑު ޖެހިތާ 2 މިނެޓް ފަހުން ނިއުކާސްލްގެ ޖެފް ހެންޑްރިކް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލިއެވެ. އަދި މެޗްގައި ނިއުކާސްލްއިން ތިން ބަދަލު ގެނެސްފައިވަނިކޮށް އެޓީމްގެ ފަބިއަން ޝާރއަށް އަނިޔާވެގެން ބާލަށް ޖެހުމާއެކު މެޗްގެ ފަހު 18 މިނެޓް ނިއުކާސްލްއިން ކުޅެމުންދިޔައީ ނުވަ ކުޅުންތެރިންނާއެކުއެވެ. ނަމަވެސް ދެ ކުޅުންތެރިން މަދުވުމުގެ ފައިދާ ސަދެމްޓަންއަށް ނެގޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ނިއުކާސްލްއަށްވަނީ 23 މެޗުން 25 ޕޮއިންޓް ލިބި ތާވަލްގެ 16 ވަނައިގައެވެ. އަދި 18 ވަނައިގާ އުޅޭ ފުލަމްއާ ދެމެދުގައިވާ ފަރަގު މިހާރުވަނީ 10 ޕޮއިންޓަށް އިތުރުވެފައެވެ. މިމެޗުން ބަލިވިމުން ސަދެމްޓަން އުޅެނީ 22 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ.