ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި އެވެޓަން ބައްދަލުކުރިމެޗް އެއްވަރު ވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ. މެންޗެސްޓަރގެ އޯލްޓްރެފަޑް ސްޓޭޑިއަމްގައި ކުޅުނު މިމެޗް އެއްވަރުވީ 3 ލަނޑު 3 ލަނޑުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 24 ވަނަ މިނެޓްގައި ޔުނައިޓެޑްގެ މާކަސް ރަޝްފަޑް ނަގާދިން ހުރަހަކުން ކާމިޔާބުކުރީ އެޑިންސަން ކަވާނީއެވެ. އަދި ފުރަތަމަ ހާފް ނިމެނިކޮށް ބްރޫނޯ ފެނާންޑޭޒް ވަނީ ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދީފައެވެ. މިލަނޑާއެކު މިމެޗުން ޔުނައިޓެޑް މޮޅުވާނެކަމަށް ގިނަ ބަޔަކަށް ހީވިނަމަވެސް ދެވަނަ ހާފްގައި އެވަޓަންއިންވަނީ އެޓީމްގެ ކުޅުން ރަގަޅުކޮށް ޔުނައިޓެއަށް ނުރައްކާ ކޮށްފައެވެ. މިގޮތުން ދެވަނަ ހާފް ފެށިތާ ހަތަރު ވަނަ މިނެޓްގައި ޔުނައިޓެޑްގެ ކީޕަރ ޑޭވިޑް ޑި ގެއާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އެވަޓަންގެ އަބްދުއްލާޔޭ ޑޮކޫރޭވަނީ ލަނޑެއްޖަހާ އެޓީމަށް ހިތްވަރު އާ ކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓްފަހުން އެވަޓަންގެ ހެމޭޒް ރޮޑްރިގޭޒްވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗްގައި ޔުނައިޓެޑުން ދެވަނަ ފަހަރަށް ލީޑު ނަގާ މިމެޗްގައި އެޓީމުން ކާމިޔާބުކުރި 3 ވަނަ ލަނޑު ޖެހީ މެޗްގެ 70 ވަނަ މިނެޓްގައި ސްކޮޓް މެކްޓޮމިނޭއެވެ. އަދި އެވަޓަންއިން ދެވަނަ ފަހަރަށް އެއްވަރު ކުރީ މެޗްގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ޑޮމިނިކް ކެލްވަރޓް ލުވިން ޖަހާދިން ލަނޑުންނެވެ.

މިމެޗް އެއްވަރު ވުމުން ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އުޅޭ މެންޗެސްޓަރ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކުރުމަށް ޔުނައިޓެޑަށް ލިބުނު ފުރުސަތު މިވަނީ ބޭކާރުވެގެން ގޮސްފައެވެ. މިގޮތުން ޔުނައިޓެޑް މިހާތަނަށް 23 މެޗް ކުޅެފައިވާއިރު ލިބިފައިވަނީ 45 ޕޮއިންޓެވެ. އެއްވަނައިގާ އުޅޭ ސިޓީއިން ޔުނައިޓެޑަށްވުރެ ދެމެޗް މަދުން ކުޅެ ލިބިފައިވަނީ 47 ޕޮއިންޓެވެ. މިމެޗް އެއްވަރު ވުމުން 21 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު އެވަޓަންވަނީ 6 ވަނައަށް ކުރިއަށް ޖެހިލާފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗް އޮލެގަނަރ ސޯލްޝެއަރ ބުނީ މިއީ އޭނާގެ ޓީމް މޮޅުވުން ހައްގު މެޗެއް ކަމަށެވެ. ނަމަވެސް މިއީ ފުޓްބޯޅަ ކަމަށާއި ލިބޭ ފުރުސަތު ތަކުގެ ބޭނުން ހިފާ ބައިކޮޅަށް އަންނަ ކޮންމެ ބޯޅައެއް ގޯލަށް ވަނަދީގެން ނުވާނެކަމަށް ސޯލްޝެއަރ ބުންޏެވެ. އަދި އޭނާގެ ޓީމަށް ފުރަތަމަ ހާފްގައި އެހާ ރަނގަޅަށް ނުކުޅެވުނު ކަމަށާއި އަދި އެންމެ ރަނގަޅަށް އެޓީމަށް ކުޅެވުނީ 2 ލަނޑު 2 ލަނޑުން ދެ ޓީމް އެއްވަރު ވެފައިއޮތް އިރުކަމަށެވެ. އަދި ޔުނައިޓެޑުން މަސައްކަތް ކުރަމުން މިދަނީ މެޗަކަށްފަހު މެޗަކުން ކުޅުން ރަނގަޅު ކުރެވޭތޯ ކަމަށެވެ.

އެވަޓަންގެ ކޯޗް ކާލޯ އެންޗެލޯޓީ ބުނީ މިއީ މެޗަކުން މޮޅުވުން ކަހަލަ ނަތީޖާއެއް ކަމަށެވެ. އަދި ފުރަތަމަ ހާފްގައި މާބޮޑަށް ކުރިއަށް ނުޖެހި ކުޅުނު ކަމުގައި ވީ ނަމަވެސް ދެވަނަ ހާފްގައި އެޓީމްގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ޖެހިގެން ކުޅެވުނު ކަމަށް އޭނާ ހާމަކުރިއެވެ. އޭނާގެ ކުޅުންތެރިން މިމެޗްގައި ދެއްކި ކުޅުމަށް ފަހުރުވެރިވާ ކަމަށްވެސް އެންޗެލޯޓީ ހާމަކުރިއެވެ.