ކުޅިވަރު

ރޯމާ ބަލިކޮށް ޔުވެންޓަސް ތާވަލްގެ ތިންވަނައަށް ކުރިއަށް


އިޓާލިއަން ސެރީއާގައި އެންމެފަހުގެ ޗެމްޕިއަން ޔުވެންޓަސް އާއި އޭއެސް ރޯމާ ބައްދަލުކުރިމެޗް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޔޫވޭންޓަސް ކުރިއަށް ޖެހިލައިފިއެވެ. ޔޫވެންޓަސްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުން ލަނޑުންނެވެ.

ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 13 ވަނަ މިނެޓްގައި ޖަހައިދިނީ ޔޫވެންޓަސްގެ ތަޖްރިބާކާރު ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ސެރީއާގައި އޭނާ މިފަހަރު ކާމިޔާބުކުރި 16 ވަނަ ލަނޑެވެ. މިއާއެކު ރޮނާލްޑޯ އުޅެނީ ލީގުގައި ލަނޑު ޖަހާ ކުޅުންތެރިންގެ ލިސްޓްގެވެސް އެންމެ ކުރީގައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރާ އިންޓަރ މިލާންގެ ރޮމެލޫ ލުކާކޫއަށް ކާމިޔާބު ކުރެވިފައިވަނީ 14 ލަނޑެވެ. ޔޫވޭއިން އެންމެ ފަހުން ކުޅުނު ތިން މެޗްގައި ލަނޑެއް ކާމިޔާބު ނުކުރެވޭ ރޮނާލްޑޯއަށް މިމެޗްގައި ލަނޑު ޖަހާނެ އިތުރު ފުރުސަތު ލިބި ބޭކާރުވިއެވެ. މިމެޗްގައި ޔޫވެންތަސްއިން ޖެހި ދެވަނަ ލަނޑަކީ ރޯމާގެ ރޮޖަރ އިބަނޭޒްއަތުން ބައިކޮޅަށް ވަން ލަނޑެެކެވެ.

މިކާމިޔާބީއާއެކު ޔޫވެންޓަސް ވަނީ ކުޅުނު 20 މެޗުން ލިބިފައިވާ 42 ޕޮއިންޓާއެކު ރޯމާ ފަހަތަށް ޖައްސާލުމަށްފަހު ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ތާވަލްގެ އެއްވަނައިގާ މިވަގުތު އޮތް އިންޓަރ މިލާނާއި ފަސް ޕޮއިންޓަށް ގާތް ކޮށްފައެވެ. އަދި އެޓީމް ނުކުޅެ އެއްމެޗް އޮތުމުން މި ފަރަގު ދެ ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ޔޫވެންޓަސްއަށް އެބައޮތެވެ. ރޯމާ މިވަގުތު އޮތީ 21 މެޗުން ލިބިފައިވާ 40 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައަށް ފަހަތަށް ޖެހިލާފައެވެ. ސެރީއާގައި މިރޭ އޭސީ މިލާނާއި ކްރޮޓޯނޭ ބައްދަލުކުރާ މެޗް ކާމިޔާބުކޮށްފިނަމަ ތާވަލްގެ އެއްވަނަ މިލާނަށް އަލުން ލިބޭނެއެވެ.