ކުޅިވަރު

ޑޯޓްމުންޑާއި ވާދަކޮށް ފްރެއިބަރގް މެޗު ކާމިޔާބުކޮށްފި


ޖަރުމަނު ބުންޑަސްލީގާގައި އެސް.ސީ. ފްރެއިބަރގާއި ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރިމެޗް ފްރެއިބަރގް ކާމިޔާބުކޮށްފިއެވެ. ފްރެއިބަރގްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު އެއް ލަނޑުންނެވެ.

ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 49 ވަނަ މިނެޓްގައި ޖަހައިދިނީ ފްރެއިބަރގްގެ ޖެއޮންގ ވޫ ޔެއޮންގއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ޖަހައިދިނީ ޖޮނަތަން ޝްމިޑްއެވެ. މިމެޗްގައި ޑޯޓްމުންޑުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި އަރލިންގ ބްރައުޓް ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ 16 އަހަރުގެ ޒުވާން ކުޅުންތެރިޔާ ޔޫސޫފާ މޮއުކޯކޯއެވެ. މިއީ ބުންޑަސްލީގާގައި އޭނާ ކާމިޔާބުކުރި 2 ވަނަ ލަނޑެވެ. މިލަނޑާއެކު މިމެޗުން އެންމެ މަދުވެގެން ޕޮއިންޓެއް ޑޯޓްމުންޑުން ހޯދާނެކަމަށް ބެލެވުނު ނަމަވެސް އެޓީމަށް މިމެޗްގައި އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ފްރެއިބަރގް ވަނީ ކުޅުނު 20 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ޑޯޓްމުންޑް އުޅެނީ 20 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައިގައެވެ.