ކުޅިވަރު

އެސްޓަންވިލާ އާއި އާސެނަލް ބައްދަލުކުރިމެޗް އެސްޓަންވިލާ ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންދާ އެސްޓަންވިލާ އާއި އާސެނަލް ބައްދަލުކުރިމެޗް އެސްޓަންވިލާ ކާމިޔާބުކޮށްފިއެވެ. ވިލާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއް ލަނޑު ސުންލަނޑުންނެވެ.

މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 2 ވަނަ މިނެޓްގައި ޖަހައިދިނީ އޮލީ ވޮޓްކިންސްއެވެ. މިއީ މިސީޒަންގައި އެސްޓަން ވިލާ އާއި ގުޅުނު ވޮޓްކިންސް ޕްރިމިއަރ ލީގުގައި މިފަހަރު ކާމިޔާބުކުރި 10 ވަނަ ލަނޑެވެ. އަދި މީގެތެރެއިން ތިން ލަނޑު ޖަހާފައިވަނީ އާސެނަލް ކޮޅަށެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަގަޅު ފުރުސަތު އެސްޓަން ވިލާއަށް ލިބިގެން ގޮސްފައިވެއެވެ. މީގެތެރޭގައި ޖޯން މެގިން، ޖެކް ގްރީލިޝް އަދި ވޮޓްކިންސްއަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ. ނަމަވެސް މިހަމަލާތައް އާސެނަލްގެ ގޯލް ބަލަހައްޓަމުންދިޔަ މެޓް ރަޔަން ވަނީ ދިފާއުކޮށްފައެވެ. މިމެޗްގަައި ފަހަކަށް އައިސް ރަނގަޅު ކުޅުމެއް ދައްކަމުންދާ އާސެނަލް އިން ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެެއްދި ނަމަވެސް ވިލާގެ ގޯލަށް މާބޮޑަށް ނުރައްކަލެއް ކުރެވޭ ވަރެއް ނުވިއެވެ. އަދި ވިލާގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ ތިން ހަމަލާއެވެ.

މި ކާމިޔާބީއާއެކު ވިލާއިން މިވަނީ ލީގުގައި މިފަހަރު އާސެނަލް ދެފަހަރު ބަލިކޮށްފައެވެ. އެންމެފަހުން ވިލާއަށް ލީގުގައި ދެފަހަރު ބަލިކުރެވިފައިވަނީ މީގެ 28 އަހަރު ކުރިންނެވެ. މިދެޓީމް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗް ވިލާވަނީ 3 ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްފައެވެ. އަދި މިދިޔަ ސީޒަންގައި ކިރިޔަ ކިރިޔާ ރެލިގޭޓް ނުވެ ސަލާމަތްވި އެސްޓަންވިލާ މިސީޒަންގައި މިހާތަނަށް ކުޅުނު 21 މެޗުންވަނީ މިދިޔަ ސީޒަންގައި ލިބުނު ވަރު ކަމަށްވާ 35 ޕޮއިންޓް ހޯދާފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އެސްޓަން ވިލާގެ ކޯޗް ޑީން ސްމިތު ހާމަކުރިގޮތުގައި މިއީ ވަރަށް ބޮޑަށް މަސައްކަތް ކޮށްގެން ހޯދުނު ކާމިޔާބީއެއް ކަމަށާއި އޭނާގެ ޓީމްގައި ލަނޑު ޖެހުމުގެ ހުނަރުވެރިން އެބަތިބި ކަމަށެވެ. އަދި އާސެނަލް ކަހަލަ ހަމަލާއަށް އިސްކަންދޭ ޓީމަކާއި ދެކޮޅަށް ކުޅެ މޮޅުވުމަކީ ރަނގަޅު ކާމިޔާބީއެއް ކަމަށެވެ.

އާސެނަލްގެ ކޯޗް މިކޭލް އާޓެޓާވަނީ މިމެޗްގައި އޭނާގެ ޓީމުން ދެއްކި ކުޅުމާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. މިގޮތުން ވިލާއިން ޖެހި ލަނޑަކީ ޑިފެންސިވް މިސްޓޭކަކަށް ވީއިރު ލަނޑު ޖަހާނެ އިތުރު ތިން ފުރުސަތެއް ވިލާއަށް ހަދިޔާ ކޮށްފައިވާކަމަށް އާޓެޓާ ހާމަކުރިއެވެ. އަދި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް އޭނާގެ ކުޅުންތެރިން ތަނަވަސް ކުރި ނަމަވެސް އެންމެ ފަހު ޕާސް ރަގަޅަށް ނުދެވުމުގެ ސަބަބުން ލަނޑެއް ޖެހޭގޮތް ނުވީ ކަމަށެވެ. އަދި މިމެޗަކީ ލިބުނު ފުރުސަތު ތަކަށް ބަލާއިރު އާސެނަލްއިން ފަސޭހަ ކަމާއެކު މޮޅުވާންޖެހޭ މެޗެއް ކަމަށްވެސް އޭނާ ހާމަކުރިއެވެ.

މިކާމިޔާބީއާއެކު އެސްޓަން ވިލާ ޕޮއިންޓް ތާވަލްގެ 8 ވަނައިގާ އޮތް އިރު އާސެނަލް އޮތީ ކުޅުނު 23 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.