ކުޅިވަރު

ސެވެންޓީ ސިކްސަރސް އާއި ނެޓްސް ބައްދަލުކުރިމެޗް ސިކްސަރސް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ފިލަޑެލްފިއާ ސެވެންޓީ ސިކްސަރސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރިމެޗް ސިކްސަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ސިކްސަރސް ކާމިޔާބުކުރީ 124 ޕޮއިންޓް 108 ޕޮއިންޓުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސިކްސަރސްއަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ ޖޮއެލް އެމްބިޑެވެ. އޭނާވަނީ 33 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގާފައެވެ. އަދި ޓޯބިއަސް ހެރިސްވަނީ އެޓީމަށް 21 ޕޮއިންޓް ހޯދައިދީފައެވެ. މިމެޗްގައި ނެޓްސްގެ އެންމެ މުހިންމު ދެކުޅުންތެރިންކަމަށްވާ ކެވިން ޑުރާންޓް އާއި ކައިރީ އަރވިން ނުކުޅެއެވެ. މިމެޗްގައި ނެޓްސްއަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދައިދިން ޖޭމްސް ހާޑެންއެވެ. މީގެއިތުރުން ލެންޑްލީ ޝާމެޓްވަނީ 22 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ.

މިމުބާރާތުގައި ޑެލަސް މެވްރިކްސް އާއި ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރިމެޗް 134 ޕޮއިންޓް 132 ޕޮއިންޓްގެ ކުޑަ ތަފާތަކުން ކާމިޔާބުކުރީ މެވްރިކްސްއެވެ. މިމެޗްގައި މެވްރިކްސްގެ ލޫކާ ޑޮންޗިޗްވަނީ 42 ޕޮއިންޓް އެޓީމަށް ހޯދާދީ ހަތް ރީބައުންޑް ނަގާ އެގާރަ އެސިސްޓް ކޮށްފައެވެ. މިމެޗްގައި ވޮރިއަރސްއަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ 57 ޕޮއިންޓް އެޓީމަށް ހޯދާދިން ސްޓެފަން ކަރީއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު މިލްވައުކީ ބަކްސް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް 124 ޕޮއިންޓް 99 ޕޮއިންޓުން ކާމިޔާބުކުރީ ބަސްކްއެވެ. ސެން އެންޓޯނިއޯ ސްޕަރސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް ސްޕަރސް ކާމިޔާބުކުރިއިރު އެޓްލާންޓާ ހޯކްސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 132 ޕޮއިންޓް 121 ޕޮއިންޓުން ކާމިޔާބުކުރީ ހޯކްސްއެވެ. އަދި ނިއުއޯލިއަންސް ޕެލިކަންސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗް 118 ޕޮއިންޓް 109 ޕޮއިންޓުން ޕެލިކަންސް ކާމިޔާބުކުރިއިރު އޮކްލޮހޯމާ ސިޓީ ތަންޑަރ އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 120 ޕޮއިންޓް 118 ޕޮއިންޓްގެ ކުޑަ ތަފާތަކުން ކާމިޔާބުކުރީ ތަންޑަރއެވެ.