ކުޅިވަރު

ބަޔާން އާއި ހަރތާ ބާރލިން މެޗް ބަޔޭން ކަމިޔާބުކޮށްފި


ޖަރުމަނު ބުންޑަސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ހަރތާ ބާރލިން ބައްދަލުކުރިމެޗް ބަޔާން ކާމިޔާބުކޮށްފިއެވެ. މިމެޗް ބަޔާން ކާމިޔަބުކުރީ ރަށުން ބޭރުގައި ކުޅެ އެއް ލަނޑު ސުންލަނޑުންނެވެ.

މިމެޗްގައި ބަޔާންއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 21 ވަނަ މިނެޓްގައި ޖަަހާދިނީ ކިންގލޭ ކޯމަންއެވެ. ބޯކޮށް ސްނޯ ފައިބަނިކޮށް ކުޅުނު މިމެޗްގައި ބަޔާންއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް ރޮބަޓް ލެވަންޑޯސްކީ ފޮނުވާލި ޕެނަލްޓީ ކާމިޔާބުވާގޮތެއް ނުވިއެވެ. މިމެޗްގައި ހަރތާއަށް ލިބުނު އެންމެ ރަގަޅު ފުރުސަތު ލިބުނީ މެތިއަސް ކޫންހާއަށެވެ. ނަމަވެސް އޭނާ ވަރަށް ހުސްކޮށް އަރާ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.

މިކާމިޔާބީއާއެކު ބަޔާންއަށް ވަނީ ކުޅުނު 20 މެޗުން ލިބިފައިވާ 48 ޕޮއިންޓާއެކު ތާވަލްގައި 10 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އަދި މިމެޗަށްފަހު ބަޔާން ވަނީ ފީފާ ކްލަބް ވާރލްޑް ކަޕްގައި ވާދަކުރުމަށްޓަކައި ޤަތަރަށް ފުރަން ހަމަޖެހިފައެވެ. ޔުއޭފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަންގެ ހައިސިއްޔަތުން ބަޔާން ފީފާ ވާރލްޑް ކަޕްގައި ޔޫރަޕް ތަމްސީލް ކުރާއިރު އެމުބާރާތުގެ ސެމީފައިނަލްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެފްރިކާގެ ޗެމްޕިއަން އަލް އަހްލީއާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފަވަނީ މިއަންނަ ހޯމަދުވަހުއެވެ.