ކުޅިވަރު

އިޓާލިއަން ސެރީއާގެ ތާވަލްގެ އެއްވަނައަށް އިންޓަރ އަރައިފި


އިޓާލިއަން ސެރީއާގައި އިންޓަރ މިލާނާއި ފިއޮރެންޓީނާ ބައްދަލުކުރިމެޗް އިންޓަރ ކާމިޔާބުކޮށްފިއެވެ. ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މިމެޗް އިންޓަރ ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި މޮޅަަށް ކުޅެފައިވަނީ އިންޓަރއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި އިންޓަރގެ އެލެކްސިސް ސަންޗޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކުރީ ނިކޮލާ ބަރެއްލާއެވެ. އަދި އިންޓަރއިން މެޗްގައި ޖެހި ދެވަނަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި އަޝްރަފް ހަކީމީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކުރީ އިވާން ޕެރިސިޗްއެވެ. މިމެޗްގައި އިންޓަރގެ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫވެސް ލަނޑެއް ޖެހިއެވެ. ނަމަވެސް އެލަނޑުވަނީ އޮފްސައިޑް ލަނޑަކަށް ބަލާފައެވެ.

މިކާމިޔާބީއާއެކު އިންޓަރ އަށް ޕޮއިންޓް ތާވަލްގެ އެއްވަނަ ލިބެނީ ކުޅުނު 21 މެޗުން 47 ޕޮއިންޓް ލިބިގެންނެވެ. ނަމަވެސް މިސީޒަންގެ ބޮޑުބައިގާ ތާވަލްގެ އެއްވަނައިގާ އުޅޭ އޭސީ މިލާން މާދަމާ ރޭ ކްރޮޓޯނޭ އާއި ބައްދަލުކުރާ މެޗުން މޮޅުވެއްޖެނަމަ އެޓީމަށް އަލުން ޕޮއިންޓް ތާވަލްގެ އެއްވަނަ ލިބޭނެއެވެ.