އަހަރުގެ ފުރަތަމަ ގްރޭން ސްޅޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓޭނިސް މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ. މިމުބާރާތުގެ ގުރުލުން ބާއްވާފައިވަނީ އިއްޔެގެ ވަގުތެއްގައި މެލްބަންގައެވެ.
މިފަހަރުގެ ގުރުއަތުލުމުގައި ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ސަރބިއާގެ ނޯވަކް ޖޯކޮވިޗް ފުރަތަމަ ބުރުގައި ބައްދަލުކުރާނީ ފަރަންސޭސިވިލާތުގެ ޖެރެމީ ޗާޑިއާއެވެ. ޖޯކޮވިޗް މިފަހަރުގެ މުބާރާތައް މި ނިކުންނަނީ އޮސްޓްރޭލިއަން އޯޕަން ނުވަވަނަ ފަހަރަށް ކާމިޔާބު ކުރުމުގެ އަޒުމުގައެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ޖޯކޮވިޗް ބަލިކުރި އަދި އެންމެ ފަހުގެ ޔޫއެސް އޯޕަން ޗެމްޕިއަން ޑޮމިނިކް ތިއެމްވެސް އޮތީ އެއް ގުރޫޕެއްގައެވެ. އަދި ތިއެމްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ކަޒަކިސްތާންގެ މިހައިލް ކުކުޝްކިންއާއެވެ.
21 ވަނަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބުކޮށް ރޮޖަރ ފެޑެރަރގެ ރިކޯޑް މުގުރާލުމުގެ އަޒުމުގައި ނިކުންނަ ސްޕެއިންގެ ރަފައަލް ނަދާލް ފުރަތަމަ ބުރުގައި ބައްދަލުކުރާނީ ސަރބިއާގެ ލަސްލޯ ޖެރޭއާއެވެ. ނަދާލްއަށް މިހަފްތާގައި ކޮންމެވެސް ވަރެއްގެ އަނިޔާއެއް ކުރިމަތިވެފައިވީ ނަމަވެސް އޭނަ ކުޅޭނެ ކަމަށް ބެލެވެއެވެ.
އަންހެނުންގެ ޑްރޯއަަށް ބަލާއިރު އެމެރިކާގެ ތަޖުރިބާކާރު ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ފުރަތަމަ ބުރުގައި ނިކުންނާނީ ޖަރުމަނުވިލާުގެ ލައުރާ ސީގެމުންޑް އާ ދެކޮޅަށެވެ. ސެރީނާ މި މުބާރާތަށް ނިކުންނަނީ 24 ވަނަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބު ކޮށް އެންމެ ގިނަ ސިންގަލްސް ޓައިޓަލް ހޯދުމުގެ ރިކޯޑާ ހަމަކުރުމަށެވެ. މި މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލް ކުރާ އެއް ކުޅުންތެރިއެއް ކަމަށްވާ ޖަޕާންގެ ނައޯމީ އޮސާކާވެސް ހިމެނެނީ ސެރީނާއާ އެއް ފަޅިއެއްގައެވެ. ނައޯމީ ފުރަތަމަ މެޗްގައި ނިކުންނާނީ ރަޝިޔާގެ އަނަސްޓާޝިއާ ޕަވްލިޔުޗެންކޯވާއާ ދެކޮޅަށެވެ. އެންމެ ފަހުގެ ޗެމްޕިއަން ސޯފިއާ ކެނިން ފުރަތަމަ ބުރުގައި ބައްދަލުކުރާނީ އޮސްޓްރޭލިއާގެ މެޑިސަން އިންގްލިސްއާއެވެ. އަދި ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އޭޝްލީ ބާރޓީ ބައްދަލުކުރާނީ މޮންޓެނީގްރޯގެ ޑަންކާ ކޮވިނިޗްއާއެވެ.
މިފަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޯމަދުވަހުއެވެ.