ވިޔަފާރި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް


މިއަހަރުގެ ފުރަތަމަ 35 ދުވަސްތެރޭ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 102107 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު 47.3 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 193697 ފަތުރުވެރިންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ރަޝިއާއިންނެވެ. އެޤައުމުން ރާއްޖެއަށް 22178 ފަތުރުވެރިންވަނީ އައިސްފައެވެ. ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. މި މުއްދަތުގައި އެޤައުމުން ރާއްޖެއަށް 20027 ފަތުރުވެރިންވަނީ އައިސްފައެވެ. ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ޤައުމަކީ ޔޫކްރެއިންއެވެ. އެޤައުމުން 7373 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް 35 ދުވަސްތެރޭ ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، މިދިޔަ ޖުލައި މަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް އެއްލައްކަ ފަތުރުވެރިން އައުމަށް ގިނަ ދުވަސްތަކެއް ނެގިއެވެ. އެގޮތުން ޖުލައި 15ގައި ބޯޑަރު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް އައި ފަތުުރުވެރިންގެ އަދަދު ލައްކައަކަށް އަރާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 13ވަނަ ދުވަހުއެވެ.

ރާއްޖެއަަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ކުރިއެރުންތައް ލިބެމުންދާއިރު، މިދިޔަ ޖެނުއަރީ މަސް ނިމުނުއިރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ޓޫރިޒަމް މިނިސްޓްރީން ލަފާކުރި ވަރަށްވުރެވަނީ އިތުރުވެފައެވެ. އެގޮތުން ޖެނުއަރީމަސް ނިމުނު އިރު ރާއްޖެއަށް 92103 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ އަންދާޒާއިން ޖެނުއަރީމަހު ރާއްޖެއަށް އަންނާނެ ކަމަށް ބެލެވިފައި އޮތީ 90000 ފަތުރުވެރިންނެވެ.