މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން މިނާ އިންވެސްޓްމަންޓް ގުރޫޕާއި، އެހާދިސާއާ ގުޅުންހުރި އޮޕަރޭޝަންސްގައި މަސައްކަތްކުރަމުންދިޔަ އެކުންފުނީގެ މުވައްޒަފުން ސަސްޕެންޑްކޮށްފިއެވެ.
އެމްޕީއެލްއިން ނެރުނު ބަޔާނުގައި ހާމަކޮށްފައިވާ ގޮތުން ކުންފުންޏާއި ގްރޫޕް ސަސްޕެންޑް ކުރީ އެމްޕީއެލްގެ އެކްސިޑެންޓް އެންޑް އިންވެސްޓިގޭޝަން ކޮމެޓީން ކުރިއަށް ގެންދާ މިހާދިސާގެ ތަހުޤީގުން ވަކި ގޮތެއް ކަނޑައަޅަންދެންނެވެ.
މާލޭ ވިޔަފާރި ބަނދަރުގައި 4 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ހިނގި ނުރައްކާތެރި ހާދިސާގައި އަނިޔާވެފައިވަނީ "މިނާ އިންވެސްޓްމަންޓް“ ގުރޫޕުގެ މަސައްކަތްކުރާ މީހަކަށެވެ. އޭނާގެ ހާލު ސީރިއަސްކަމަށާއި އޮޕަރޭޝަންތަކަކަށްފަހު އެމީހާ އޮތީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން އިއްޔެވަނީ ވިދާޅުވެފައެވެ. އެމީގެ ހާލު ކްރިޓިކަލް ނަމަވެސް އެމީހާގެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް އައިޖީއެމްއެޗްއިން ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާގައި މިމީހާއަށް އަނިޔާވެފައިވަނީ ޓާފް ކާޕެޓް ރޯލްތަކެއް ކެރޭނަކުން ޕިކަޕަށް ލޯޑުކުރުމުގެ ތެރޭގައި ކާޕެޓް ރޯލެއް ވެއްޓިގެންކަމަށްވެސް އެމްޕީއެލްއިން ވިދާޅުވެއެވެ.
މިދިޔަމަހުގެ 7 ވަނަ ދުވަހުވެސް ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ހިނގި ހާދިސާގައިވެސް ޒުވާނަކު ވަނީ ނިޔާވެފައެވެ. މިހާދިސާއާ ގުޅިގެން ފަރުވާދެމުންދަނިކޮށް އުމުރުން 27 އަހަރުގެ އެޒުވާނާ ނިޔާވެފައިވަނީ މިދިޔަމަހުގެ 16 ވަނަ ދުވަހުއެވެ.
އެމްޕީއެލް ސަރަހައްދުގައި މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭގެ ދަންވަރު ހިނގި ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގްކޮށް، ޒިންމާވާން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް، ޤަވާއިދުތަކާއި އުސޫލުތަކަށް ބަދަލުތަކެއް ގެނައުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.