ޚަބަރު

ކޯވިޑް-19، ދިފާޢު: މާލެ ސަރަހައްދުގައި ދިރިއުޅޭ 55 އަހަރުން މަތީގެ މީހުންނަށް މިއަދު ވެކްސިން ދޭން ފަށައިފި


މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 55 އަހަރުން މަތީގެ މީހުންނަށް މިއަދު ކޯވިޑް-19ގެ ވެކްސިން ދޭން ފަށައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި 6 ފެބްރުއަރީ އިން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 05:00 އަށް މި އުމުރުފުރައިގެ މީހުންނަށް ވެކްސިން ދެމުން ގެންދާނެކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ އުމުރުން 55 އަހަރުގެ މީހުންނަށް މާލޭގެ ސޯޝަލް ސެންޓަރުންނާއި ހުޅުމާލެ ފްލޫ ކުލިނިކް ހުރި އިމާރާތުގައި ޤާއިމްކޮށްފައިވާ ވެކްސިން ސެންޓަރާއި ވިލިމާލޭ ޔޫތު ސެންޓަރުގައި ޤާއިމްކޮށްފައިވާ ސެންޓަރުން ވެކްސިން ޖަހާދޭނެ ކަމަށެވެ.

ވެކްސިން ޖަހަން އަންނައިރު އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވެކްސިން ޖަހަންދާ މީހަކީ ބަލީގެ އެއްވެސް އަލާމާތެއް ނެތް މީހަކަށް ވާންވާނެ ކަމަށާއި، އަދި ކަރަންޓީންގައި ހުރި މީހަކަށް ވެގެން ނުވާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. ވެކްސިން ޖަހަން ދާއިރު ގަޔަށް ދޫ ފަސޭހައިން ވެކްސިން ޖެހޭނެ ހެދުމެއް ލައިގެން ދިއުމަށާއި ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށް އެޗްޕީއޭއިންވަނީ އިލްތިމާސް ކުރައްވާފައެވެ. މީގެ އިތުރަށް ވެކްސިން ޖަހަން ދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުމާއި އެކުގައި އެކަކަށްވުރެ ގިނަ މީހުން ނުގެންދިއުމަށްވެސް އެޗްޕީއޭއިން އިލްތިމާސް ކުރައްވައެވެ. ކޯވިޑްގެ ވެކްސިން ޖަހަން ދާއިރު ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މަޢުލޫމާތު ގެންދަން ޖެހެއެވެ.

ކޯވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވުމަށް ޚާއްސަ ޕޯޓަލްއެއް ވަނީ ހަދާފައެވެ.
މި ޕޯޓަލްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ރަޖިސްޓްރީވުމަށް ބޭނުންވާ އެހީތެރިކަން ވެކްސިނޭޝަން ސެންޓަރުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ހުރިހާ ފަރާތްތަކުންވެސް މި ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވެކްސިން ދިނުމަށް އިސްކަންދޭ ތަރުތީބުން އިތުރު ފަރާތްތަކަށް ވެކްސިން ޖެހުމަށް ފުރުޞަތު ހުޅުވާލަމުންގެންދާނެ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑްގެ ވެކްސިން 4200އަށްވުރެ ގިނަ މީހުން ވަނީ ޖަހާފައެވެ. ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެގޮތުން މާލޭ ސަރަޙައްދުގެ 6 ތަނަކުން ވެކްސިން ޖަހާދެމުން އަންނައިރު އަތޮޅުތަކުގެ 7 ސެންޓަރަކުން ދަނީ ވެކްސިން ޖަހައި ދެމުންނެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް-19ގެ ވެކްސިންގެ ސަބަބުން ދިފާއީ ނިޒާމު ފުރިހަމައަށް ބައްޔާ ދެކޮޅަށް މަސައްކަތްކުރާނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަވުމަށް ފަހުން ކަމަށެވެ. އެހެންކަމުން ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހުވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވާނެއެވެ. ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ވެކްސިނަށްފަހު ހަތަރު ހަފްތާފަހުން ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއްވައެވެ. ދެވަނަ ޑޯޒް ޖެހުން ލަސްކުރި ނަމަވެސް އެންމެ ލަސްކުރެވޭނީ 12 ހަފްތާ ވަންދެންކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.