ޚަބަރު

މިސަރުކާރާއި ޤަތަރާ ދެމެދު އެއްވެސް މިންވަރަކަށް ގުޅުން ކެނޑިފައެއްނުވޭ : މިނިސްޓަރ ޝާހިދު


ރާއްޖެއިން ޤަތަރާއެކު ގުޅުންް ޤާއިމްކުރީ ގަލްފު ސަރަހައްދުގެ ހުރިހާ ޤައުމަކާއި މަޝްވަރާކޮށް، އެސަރަހައްދަށް ހަމަޖެހުން އަންނާނެގޮތަށްކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މިސަރުކާރު އައުމަށްފަހު ރާއްޖެއާއި ޤަތަރާއި ދެމެދު އެއްވެސް މިންވަރަކަށް ގުޅުން ކެނޑިފައި ނުވާކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ރިޔާސީ ބަޔާނާއި ގުޅޭގޮތުން ޕީއެސްއެެމް ނިއުސްއިން ގެނެސްދިން ޚާއްޞާ ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ތިން އަހަރު ފަހުން ރާއްޖެއިން ޤަތަރާއިއެކު ސިޔާސީ ގުޅުން އަލުން ޤާއިމުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައި އެކަން ދެޤައުމުގެ އެންމެމަތީ ފެންވަރުގައި މަޝްވަރާކުރެވިފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖެއާއި ޤަތަރާ ދެމެދު ވިޔަފާރީގެ ގުޅުންތައްވެސް މިހާރު އިތުރަށް ބަދަހިވެފައިވާކަމަށެވެ. އެގޮތުން ޤަތަރުން ރާއްޖެއަންނަ ފްލައިޓުތައް އިތުރުވެ، ޤަތަރުގެ ޝަހީ އާއިލާގެ ބޭފުޅުންވެސް ރާއްޖެ އަައުން އިތުރުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، މިސަރުކާރު އައުމަށްފަހު ރާއްޖެއާއި ޤަތަރާއި އެއްވެސް މިންވަރަކަށް ގުޅުން ނެތި ނުދާކަމަށާއި، ގުޅުން އަލުން ޤާއިމްކުރީ ހަމައެކަނި ޤަތަރާއި އެކު ވާހަކަދައްކައިގެން ނޫންކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޤަތަރާއިއެކު ގުޅުން ޤާއިމް ކުރުމުގެ ކުރިން ގަލްފު ސަރަހައްދުގެ ހުރިހާ ޤައުމަކާއި ރައްޖެއިން ވާހަކަ ދެއްކި ކަމަށެވެ.

"އަޅުގަނޑުމެން ވާހަކަދެއްކިން ޤަތަރާއި އެއްބަނޑު އެއްބަފާ ޤަލްފުގެ ހުރިޙާ ޤައުމަކާއެކު. ކުވައިތު، ސަޢުދި އަރަބިއްޔާ، ޔުނައިޓް އެރަބް އެމިރޭޓްސް، ބަހުރައިން، މި ހުރިހާ ބޭފުޅުންނާއެކީގަ. އަޅުގަނޑުމެންނާ ހަމައަށް އާއިރު އޮތީ ގުޅުން ކަނޑާލާފަ. ދެން އެ ގުޅުން އަނބުރާ އިއާދަކުރުމުގައި މިސަރުކާރުގެ ވިސްނުމަކަށް އޮތީ ޤަލްފުގެ ޤައުމުތަކަށް ހަމަޖެހުން އަންނާނެގޮތަކަށް އެ މަސައްކަތްކުރުން. އަޅުގަނޑުމެން އާނދޮގޭ ކިޔާފަ ނުކުމެ ކަމެއް ކޮއްލީމާ އަލުން ޤަލްފަށް އަތުވެދާނެ ހަމަނުޖެހުމަކަށްވުރެ އަޅުގަނޑުމެން އިސްކަންދިނީ ހަމަޖެހުމެއް ގެނެވޭނެ މަގެއް ހޯދުން. އެހެންވީމަ އެކަމަށް އަޅުގަނޑުމެން ވާހަކަދައްކާ މިދެންނެވި ހުރިހާ ޤައުމަކާއެކު ކުރަމުންގެންދިޔައިން،އެކަމުގެހެޔޮ ނަތީޖާ ފެންނަމުން މިދިޔައީ." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިކަހަލަ ހައްސާސް މައްސަލައެއްގައި ކާމިޔާބު ލިބުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ޤަތަރާއިއެކު އޮތް ގުޅުން ރާއްޖެއިން ކަނޑާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނައަހަރުގެ ޖޫންމަހުގެ 5 ވަނަދުވަހުއެވެ. ރާއްޖެއިން އެގޮތަށް ނިންމީވެސް ސައުދީން ޤަތަރާއި ގުޅުން ކަނޑާލުމުންނެވެ.

ޤަތަރާއިއެކު ރާއްޖެއިން އަލުން ގުޅުން ޤާއިމުކުރިއިރު ޤަތަރާއި ގުޅުން ކަނޑާލި އަރަބި ޤައުމުތަކުންވެސް ވަނީ ޤަތަރާއި ގުޅުން ޤާއިމުކުރިކަން އިއުލާންކޮށްފައެވެ. ޓެރަރިޒަމް ޖަމާޢަތްތަކަށް އެހީތެރިވެ އީރާނަށް އެއްބާރުލުންދޭކަމަށް ބުނެ ގަލްފުގެ ބާރުތައްކަމަށްވާ ސަޢޫދީ ޢަރަބިއްޔާއާއި ޔޫއޭއީއާއި ބަޙުރައިނުންވަނީ 2017ވަނަ އަހަރުގެ ޖޫން މަހު ޤަތަރާއެކު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ. އެއާއިއެކު އެ ޤައުމުތަކުން ޤަތަރާއިއެކު ޙިއްޞާކުރާ ސަރަޙައްދީ ރޮނގުތައްވެސް ބަންދުކުރިއެވެ. އެ ޤައުމުތަކާއި ބައިވެރިވެގެން މިޞްރުންވެސް ޤަތަރާ ގުޅުން ކަނޑާލިއެވެ. އެހެންނަމަވެސް އެ ޤައުމާއި ދެކޮޅަށް ކުރާ ތުހުމަތުތައް ޤަތަރުން ދޮގުކުރެއެވެ.

ރާއްޖެއާއި ޤަތަރާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1984 ވަނައަހަރުގެ މޭ މަހުގެ 26 ވަނަދުވަހުއެވެ. އެ ގުޅުން ކަނޑާލިކަން އިއުލާންކޮށް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ރާއްޖެއިން ޤަތަރާއި ގުޅުން ކަނޑާލަން ނިންމީ ޓެރަރިޒަމާއި ހައްދު ފަހަނަޅާ ދިއުމާއި ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.

ޤަތަރާއިއެކު ރާއްޖެއިން އަލުން ގުޅުން ޤާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުފުޅެކެވެ.