ކުޅިވަރު

އޮސްޓްރޭލިއަން އޯޕަން ހަމަޖެހިފައިވާ ގޮތަށް ކުރިއަށް ދާނެ


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް މިހާރުވެސް ރޭވިފައިވާގޮތަށް މިއަންނަ ހޯމަދުވަހު ފެށޭނެކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން ހާމަކޮށްފިއެވެ. މި މުބާރާތް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކްރެއިގް ޓައިލީ މިކަން ހާމަކޮށްފައި މިވަނީ މުބާރާތުގައި ބައިވެރުމަށް މެލްބަންއަށް ދަތުރު ކުރި ކުޅުންތެރިންނާއި އޮފިޝަލުންނާއި ސަޕޯޓް ސްޓާފުން ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރި އެއް ހޮޓަލްގެ ސްޓާފެއް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެ ގިނަ ކުޅުންތެރިންތަކެއް އެކަހެރި ވުމަށް އެންގުމާއި ގުޅިގެންނެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި މި ހޮޓަލުގައި މަޑުކުރި މި މުބާރާތާއި ގުޅުންހުރި 507 ފަރާތެއް އެކަހެރިވުމަށް މެލްބަންގެ ސިއްހަތާއި ބެހޭ އޮފިޝަލުން އަންގާފައިވެއެވެ. މީގެތެރޭގައި 160 ކުޅުންތެރިންވެސް ހިމެނެއެވެ. ޓައިލީ ހާމަކުރިގޮތުގައި މުބާރާތުގެ ކަންތައްތައް މިއަދު އަނެއްކާވެސް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދެވޭނެއެވެ. މިގޮތުން އިއްޔެ ކެންސަލްކުރި މެލްބަން ޕާކްގައި ބޭއްވުމަށް ހަމެޖެހިފައިވި އިވެންޓްތަށްވެސް މިއަދު އޮންނާނެއެވެ. އަދި އޮސްޓްރޭލިއަން އޯޕަންގެ ގުރުނެގުންވެސް ވަނީ މިއަދަށް ހަމަޖައްސާފައެވެ.
ޓައިލީ ހާމަކުރިގޮތުގައި އިތުރު މައްސަލައެއް ކުރިމަތިވުން ވަރަށް ނާދިރު ކަމަށާއި އަދި ހުރިހާ ކުޅުންތެރިންގެ ނަތީޖާވެސް ނެގެޓިވް ވާނެކަމަށް ވަރަށް ބޮޑަށް ޤަބޫލް ކުރެވެއެވެ. އެއީ މި ހުރިހާ ފަރާތްތަކެއްވަނީ ކަރަންޓީންގެ މުއްދަތު ފުރިހަމަކޮށްފާ ކަމަށާއި އަދި ދޫކޮށްލާފައިވަނީވެސް ޓެސްޓްތައް ހެދުމަށްފަހު ނެގެޓިވް ނަތީޖާ ލިބުމުން ކަމަށްވާތީކަމުގައިވެސް އޭނާ ހާމަކުރިއެވެ.