ޚަބަރު

ހުޅުމީދޫން 4 މީހަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިންއަށް


އައްޑޫ ސިޓީ ހުޅުމީދޫން 4 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ރަށް މޮނިޓަރިންއަށް ލައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ މީގެ 1 ހަފުތާ ކުރިން ސ.ހުޅުދޫއަށް ފުރަބަންދު ކަރަންޓީީނަށް ދިޔަ 2 މީހަކު ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި މިމީހުން ފުރަތަމަ ތިބި ސައިޓުގައި އޭރު މަޢުލޫމާތު ދީފައިވާ ގޮތުން އެމީހުންނާ ކޮންޓެކްޓްވި މީހެއް ނެތްކަމަށާ، އެމައުލޫމާތުތަކަށް ބިނާކޮށް މިދެމީހުންނާ ގުޅިގެން އިތުރު ބަޔަކު ކަރަންޓީން ނުކުރާކަމަށްވެސް އެޗްއީއޯސީން ވިދާޅުވެއެވެ.

ނަމަވެސް މިއަދު ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން ނެގި ސާމްޕަލްތަކުން އިތުރު 2 މީހަކު ޕޮޒިޓިވްވެ ޖުމްލަ އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު 4އަށް އަރާފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އަދި މިހާރު އެސައިޓުގެ ހާލަތު ބެލިއިރު މިސައިޓްގައި ޖުމްލަ 60 މީހުން އެބަތިބިކަމަށް އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ.

މިމީހުން ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށްވަނީ މިހާރު މޮނިޓަރިންގއަށް ލާފައެވެ.