ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޯވިޑް ވެކްސިން ދޭން ފަށައިފި


ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޯވިޑް-19 ވެކްސިން ދޭން ފަށައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް 20000 ޑޯޒް ވެކްސިން ހާއްސަކޮށްފައި ވާކަމަށާއި މިއީ 10000 މުވައްޒަފުންނަށް ބޭނުންކުރެވޭނެ ވެކްސިން ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވެކްސިން ދޭން ފެށުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަކީ ގައުމުގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމުގައި އެންމެ އިސްދައުރެއް އަދާކުރަމުން އަންނަ ފަރާތްތައްކަމަށެވެ.

"15 ޖުލައިގައި ބޯޑަރުތައް ހުޅުވާލުމަށްފަހު އަޅުގަނޑުމެން ކުރި މަސައްކަތުގައި، އިޤްތިޞާދު ކޮޅަށް ޖެހުމަށް، ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ތިޔަ ބޭފުޅުން. ފަތުރުވެރިކަމުގެ ދާއިރާގެ ހީވާގި މުވައްޒަފުން" ޓުރިޒަމް މިނިސްޓަރ ޗިދާޅުވިއެވެ.

ފަތުރުވެރިކުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ދިނުމުގައި އިސްކަން ދެނީ ފަތުރުވެރިންނާ ގާތުން މަސައްކަތްކުރައްވާ މުވައްޒަފުންނަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ރިސޯޓްތަކާއި ސަފާރީތަކާއި ގެސްޓްހައުސްތައް ހިމެނޭހެން ޖުމްލަ ގޮތެއްގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ ހުރިހާ ތަންތަނުގެ މުވައްޒަފުންނަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ ވަރަށް ގިނަ ފަރާތްތަކެއްގެ ހިތްހަމަޖެހުން މިކަމާމެދު ދަނީ ފާޅުކުރައްވާފައެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ ވެކްސިން ޖަހަން ފަށާއިރު މިގޮތަށް އިސްކަންދިން ނަމަވެސް ކުރިމަގުގައި ރާއްޖެއަށް އިތުރު ވެކްސިންތައް ލިބި ހުރިހާ މުވައްޒަފުންނަށްވެސް ވެކްސިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި މެދުނުކެނޑި ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށް ދާނެކަމުގެ ޔަގީންކަން ހެލްތް މިނިސްޓްރީން ދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށް ގެންދަނީ މާލޭގެ އިތުރުން ހުޅުމާލޭގައެވެ. ނަމަވެސް ވަރަށް އަވަހަށް ހެލްތް ފެސިލިޓީތައް ގާއިމްވެފައިވާ ރިސޯޓްތަކުގެ މުވައްޒަފުންނަށް މާލެ ނައިސް ވެކްސިން ޖެހުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ހެލްތް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ގާތްގަނޑަކަށް 51000 މުވައްޒަފުން ދަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރަމުންނެވެ. އަދި އުންމީދަކީ ވީއެންމެ އަވަހަށް ހުރިހާ މުވައްޒަފުންނަށް ވެކްސިން ދިނުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.