ކުޅިވަރު

ނަޕޯލީ އާއި އެޓަލާންޓާ ބައްދަލުކުރި ސެމީ ފައިނަލްގެ ފުރަތަމަ ލެގްގެ މެޗް އެއްވަރުވެއްޖެ


ކޮޕާ އިޓާލިއާގެ ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ އާއި އެޓަލާންޓާ ބައްދަލުކުރި ފުރަތަމަ ލެގްގެ މެޗް ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.

ނަޕޯލީގެ ދަނޑުގައި ކުޅުނު މިމެޗްގައި އެޓަލާންޓާއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެޓީމަށް ނަޕޯލީގެ ގޯލް ފޫއަޅުވާލެވޭ ގޮތެެއް ނުވިއެވެ. މިމެޗަށް ނަޕޯލީގެ ކޯޗް ގެނާރޯ ގަޓޫސޯ ނެރުނު ޓީމްގައި އަނިޔާގެ ސަބަބުން ޑްރައިސް މާޓެންސް އާއި ފަބިއަން ރުއިޒް ހިމަނާފައެއް ނުވެއެވެ. އަދި ވިކްޓަރ އޮސިމްހެން އާއި އަންޑްރިއާ ޕެޓަގްނާ އަދިވެސް މުޅިން ފިޓް ނުވާކަމަށް މަޢުލޫމާތިލިބެއެވެ. މިމެޗްގައި އެޓާލާންޓާގެ ލުއިސް މޫރިއަލް އާއި ޑުވާން ޒަޕާޓާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބި ބޭކާރުވެފައިވެއެވެ. މިމެޗްގައި މި މުބާރާތް ދިފާއު ކުރުމުގެ މަސައްކަތް ކުރަމުންދާ ނަޕޯލީއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.
މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގްގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެޓަލާންޓާގެ ދަނޑުގައެވެ. އަދި މިމެޗް އެއްވަރު ވުމުން މި މުބާރާތުގެ ފައިނަލުން ޖާގަހޯދުމުގެ ފުރުސަތު މިހާރު ބޮޑީ އެޓަލާންޓާއަށް ކަމަށް ގިނަ ބަޔަކު ޤަބޫލް ކުރެއެވެ. މި މުބާރާތުގެ ފުރަތަމަ ސެމީފައިނަލްގެ ފުރަތަމަ ލެގްގައި އިންޓަރ މިލާނާއި ޔުވެންޓާސް ބައްދަލުކުރިމެޗް ރަށުން ބޭރުގައި ކާމިޔާބުކޮށް ފައިނަލަށް ދިއުމުގެ ފުރުސަތު ޔޫވޭއިންވެސް ވަނީ ބޮޑުކޮށްފައެވެ.