ކުޅިވަރު

ސްޕެނިޝް ކޮޕާ ޑެލް ރޭ ގެ ސެމީފައިނަލުން ބާސެލޯނާ ޖާގަހޯދައިފި


ސްޕެނިޝް ކޮޕާ ޑެލް ރޭގެ ކްއާޓަރ ފައިނަލްގައި އެފް.ސީ. ބާސެލޯނާ އާއި ގްރެނާޑާ ބައްދަލުކުރިމެޗް ކާމިޔާބުކޮށް މި މުބާރާތުގެ ސެމީފައިނަލުން ބާރސާ ޖާގަހޯދައިފިއެވެ. މިމެޗް ބާރސާ ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވިއުރު 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރުވުމުން އިތުރު ވަގުތު ކުޅެ 5 ލަނޑު 3 ލަނޑުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ 88 ވަނަ މިނެޓާއި ޖެހެންދެން މިމެޗްގައި ގްރެނާޑާ އޮތީ 2 ލަނޑު ސުންލަނޑުން ކުރީގައެވެ. މި ދެލަނޑު އެޓީމަށް ޖަހައިދިނީ 33 ވަނަ މިނެޓްގައި ކެނެޑީ އާއި 47 ވަނަ މިނެޓްގައި ރޮބާޓޯ ސޮލްޑާޑޯއެވެ. މިދެ ލަނޑާއެކު މި މުބާރާތުގައި ގްރެނާޑާއިން ބޮޑު ސިހުމެއް ގެނެސްފާނެ ކަމަށް ގިނަ ބަޔަކަށް ހީވެފައިވަނިކޮށް ބާރސާއަށް މިމެޗްގައި ދިރުން ގެނެސްދިނީ މެޗްގެ 88 ވަނަ މިނެޓްގައި އެންޓޮއިން ގްރީޒްމަން ޖަހާދިން ލަނޑުންނެވެ. އަދި މެޗްގެ 92 ވަނަ މިނެޓްގައި ޖޯޑީ އަލްބާރ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަކޮށްދިނެވެ. އަދި މެޗްގެ 100 ވަނަ މިނެޓްގައި ގްރީޒްމަންވަނީ ލަނޑެއް ޖަހާ ބާރސާއަށް ފުރަތަމަ ފަހަރަށް މިމެޗްގައި ލީޑު ނަގާދީފައެވެ. ނަމަވެސް މިލަނޑު ޖެހިތާ ތިން މިނެޓްފަހުން ލިބުނު ޕެނަލްޓީއަކުން ގްރަނާޑާވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ވީކޯ ވިޔެގާސް އެވެ. މިމެޗުގައި ބާރސާގެ ހަތަރު ވަނަ ލަނޑު މެޗްގެ 108 ވަނަ މިނެޓްގައި ޖަހައިދިނީ ފްރޭންކީ ޑި ޖޮންގއެވެ. އަދި އެޓީމްގެ ފަހު ލަނޑު ޖަހައިދިނީ ދެވަނަ ލަނޑުވެސް ޖަހައިދިން އަލްބަރއެވެ.

މި ކާމިޔާބީއާއެކު ބާރސާ މިހާރުވަނީ ކޮޕާ ޑެލް ރޭ ގެ ސެމީފައިނަލުން ޖާގަލިބިފައެވެ. މިމުބާރާތުގެ ސެމީފައިނަލުން ސެވިއްޔާ އާއި ލެވަންޓޭވެސް ވަނީ ޖާގަ ހޯދާފައެވެ. ސެމީ ފައިނަލްގެ ފަހު ޖާގަ ޔަގީން ވެގެންދާނީ ރެއާލް ބެޓިސް އާއި އެތްލެޓިކް ބިލްބާއޯ މިރޭ ބައްދަލުކުރާ މެޗަށްފަހުއެވެ.