ކުޅިވަރު

ޖެހިޖެހިގެން 13 ވަނަ މެޗުން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގައި ތާވަލްގެ އެއްވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީ އާއި ބާރންލީ ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށްފިއެވެ. ބަރންލީގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ. މިއީ ޖެހިޖެހިގެން ސިޓީ މޮޅުވި 13 ވަނަ މެޗެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 3 ވަނަ މިނެޓްގައި ޖަހައިދިނީ ސިޓީގެ ގެބްރިއެލް ޖޭސުސްއެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 4 ވަނަ ލަނޑެވެ. އަދި ދެވަނަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި އިލްކައި ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ރޭގެ މެޗްގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔަ ރަހީމް ސްޓާލިންގއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ސިޓީއަށް ލިބިފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލުކުރެވޭ ގޮތެއް ނުވިއެވެ. މިމެޗްގައި ބަރންލީއަށް ސިޓީގެ ގޯލަަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މިކާމިޔާބީއާއެކު ސިޓީ ވަނީ ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ޖެހިޖެހިގެން 6 މެޗް ހަމަކޮށްފައެވެ. އަދި އަލުން ޕޮއިންޓް ތާވަލްގައި ތިން ޕޮއިންޓްގެ ލީޑެއްވެސް ނަގާފައެވެ. ސިޓީ މިހާތަނަށް 21 މެޗް ކުޅެފައިވާއިރު އެޓީމަށްވަނީ 47 ޕޮއިންޓް ލިބިފައެވެ. އެންމެ ގާތުން ވާދަކުރާ މެންޗެސްޓަރ ޔުނައިޓެޑަށް ލިބިފައިވަނީ 22 މެޗުން 44 ޕޮއިންޓެވެ. އަދި ސިޓީ އެއްމެޗް މަދުން ކުޅެފައިވާތީ ލީޑު ފުޅާ ކުރުމުގެ ފުރުސަތުވެސް އެޓީމަށް އެބައޮތެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކުރިގޮތުގައި ހަމަލާ އުފެއްދުމުގައި މިމެޗްގައި ކޮންމެވެސް ވަރަކަށް މައްސަލަ ދިމާވިކަން ފާހަގަވި ކަމަށާއި ހާއްސަކޮށް ފުރަތަމަ ޕާސް އޭނާ ފާހަގަކުރިއެވެ. އަދި މިމެޗްގައި އޭނާގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ދެވަނަ ހާފްގެ ފުރަތަމަ 15 މިނެޓްގައި ކަމަށްވެސް ޕެޕް ހާމަކުރިއެވެ. ނަމަވެސް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުނީ ކަމަށެވެ.

ބަރންލީގެ ކޯޗް ޝޯން ޑައިސް ހާމަކުރިގޮތުގައި ސިޓީ މިމެޗްގައި ވަރަށް މޮޅަށް ކުޅެފައިވެއެވެ. އަދި ޑިފެންސުން އެޓޭކަށް ބަދަލުކޮށްލާއިރު ސިޓީގެ ކުޅުންތެރިން ވަރަށް ހުޝިޔާރު ކަމުގައިވެސް އޭނާ ހާމަކުރިއެވެ. މިމެޗުން ބަލިވުމުން ބާރންލީ ވަނީ 21 މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައަށް ފަހަތަށް ޖެހިލާފައެވެ.