ކުޅިވަރު

އޮސްޓްރޭލިއަން އޯޕަންގައި ބައިވެރިވި ބައެއް ކުޅުންތެރިން އަނެއްކާވެސް ކަރަންޓީނަށް


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ބައިވެރިވާ ކުޅުންތެރިން ބައިތިއްބާ ކަރަންޓީން ހޮޓާތަކުގެ ތެރެއިން ހޮޓަލެއްގެ ސްޓާފެއް ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވުމާއި ގުޅިގެން ގިނަ އަދަދެއްގެ ކުޅުންތެރިން އަނެްކާވެސް އެކަހެރިވާން ޖެހިއްޖެއެވެ.

މިކަމާއި ގުޅިގެން ފައްސަތޭކަ އާއި ހަސަތޭކަ އާއި ދެމެދުގެ އަދަދެއްގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ސަޕޯޓް ސްޓާފުން އެކަހެރި ވާން ޖެހިފައިވެއެވެ. އަދި މެލްބަން ޕާކްގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވި ވާރމް އަޕް އިވެންޓްތައްވެސް ވަނީ ކެންސަލްކޮށްފައެވެ. ނަމަވެސް ވިކްޓޯރިއާގެ ޕްރެމިއަރ ޑެނިއަލް އެންޑްރޫ ވިދާޅުވާގޮތުގައި މިހާހިސާބުން މުބާރާތަށް އެކަމުގެ އަސަރު ކުރާނެ ކަމަށް ޤަބޫލް ނުކުރައްވާ ކަމަށެވެ. މިގޮތުން ހުރިހާ ކުޅުންތެރިންވެސް ނެގެޓިވް ޓެސްޓަކާއެކު ކުޅުމަށް އެނބުރި ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް ޓޭނިސް މުބާރާތް މިހާރުވެސްވަނީ އާންމުކޮށް ބާއްވާ ތާރީހަށްވުރެ ތިން ހަފްތާ ފަސްކޮށްފައެވެ. އަދި މިއަންނަ ހޯމަދުވަހު އޮސްޓްރޭލިއަން އޯޕަންގެ ކުޅުން ފެށޭނެއެވެ.

އެންޑްރޫ ވިދާޅުވިގޮތުގައި މެލްބަންގެ ސެންޓްރަލް ބިޒްނަސް ޑިސްޓްރިކްޓްގައި ހުންނަ ގްރޭން ހަޔަޓް ހޮޓެލްގައި މަސައްކަތް ކުރާ ސެކިއުރިޓީ ގާޑެއްވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށެވެ. މި ހޮޓަލަކީ މި މުބާރާތުގައި ބައިވެރިވުމަށް މެލްބަންއަށް ދިޔަ ކުޅުންތެރިންނާއި އޮފިޝަލުންގެ ތެރެއިން އެއްހާސް މީހުން ކަރަންޓީންގެ 14 ދުވަސް ހޭދަކުރި ހޮޓަލެކެވެ. އެންޑްރޫ ވިދާޅުވިގޮތުގައި މިއީ އެންމެ ކޭހެއް ކަމަށާއި އެހެންކަމުން މީހުން ހާސްވެގެން އުޅޭނެކަމެއް ނެތް ކަމަށެވެ. އަދި މުބާރާތާއި ދިމާކޮށް ވިކްޓޯރިއާ ސްޓޭޓުން އިތުރު ފިޔަވަޅު ތަކެއް އަޅާނެ ކަމަށާއި އޭގެ ތެރޭގައި އިންޑޯ ތަންތާނގައި އުޅޭއިރުވެސް މާސްކް އެޅުން ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި އޮސްޓްރޭލިއާއިން އަންނަނީ މިދިޔަ އަހަރުން ފެށިގެން ވަރަށް ވަރުގަދަ ފިޔަވަޅު ތަކެއް އަޅަމުންނެވެ. އަދި އޮސްޓްރޭލިއާއިން ކުރަމުންދާ މަސައްކަތުން އެޤައުމުގައި ކޮވިޑް ފެތުރޭ މިންވަރުވަނީ ވަރަށް ބޮޑުތަނުން މަދު ކުރެވިފައެވެ.