ޚަބަރު

މިއަހަރުތެރޭގައި އިތުރު 42 ޕޮލިސް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން


އައްޑޫ ސިޓީގައި ތަރައްޤީކުރާ ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓް ސެންޓަރ މިއަހަރުތެރޭގައި ހުޅުވި ޚިދުމަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. މިއާއެކު ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިތުރު 42 ޕޮލިސް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ކުރެވިގެންދާނެ ކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

އައްޑޫ ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓް ސެންޓަރއަކީ ދިވެހި ފުލުހުންގެ ތަރައްޤީއަށް މުހިއްމު މަރުކަޒެއްގެ ގޮތުގައި ހިމެނޭ މަރުކަޒެކެވެ. އައްޑޫ ޕޮލިސް އެކަޑަމީގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރު އިންޑިއާގެ ކުންފުންޏަކާ ޙަވާލުކޮށްގެންނެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ އައްޑޫ ޕޮލިސް އެކަޑަމީގެ މަސައްކަތް ނިންމާ މިއަހަރުތެރޭގައި ހުޅުވާ ޚިދުމަތް ފެށޭނެކަމަށެވެ. އަދި މިސެންޓަރާއެކު ފުލުހުންގެ ޚިދުމަތްތައް ތަރައްޤީވެގެންދާނެކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ފުލުހުންގެ ޤާނޫނީ އޮނިގަނޑަށް މިހާރު ގެނެސްފައިވާ ބަދަލުތަކާއެކު ފުލުހުންނަކީ ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ ބަޔަކަށް ހެދިގެންދާނެކަމަށާއި މީގެ ސަބަބުން ރައްޔިތުންގެ އިތުބާރާއި ލޯބި ފުލުހުންނަށް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.

" މިހާރު އައްޑޫގައި ހަދަމުން އަންނަ، ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓް ސެންޓަރވެސް، މާތް ﷲގެ ވާގިފުޅާއެކު، މިއަހަރުގެ ތެރޭގައި ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފެށޭނެ. އަދި މިހާރު ފުލުހުންގެ ޤާނޫނީ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކާއެކު ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މުޅި ދުނިޔޭގައިވެސް އަދި ރާއްޖޭގައިވެސް އިތުރުވަމުން އަންނަ ސައިބަރ ކްރައިމް ހުއްޓުވުމަށް މަސައްކަތްކުރައްވާނެކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސައިބަރ ކްރައިމްގެ މައްސަލަތައް ބެލުމަށް ޚާއްސަ ޑިޕާރޓްމަންޓެއް މިއަހަރުގެ ތެރޭގައި ފުލުހުންގެ މުވައްސަސާއަށް އިތުރުކުރުމަށް ނިންމަވާފައިވާކަމަށެވެ.

" ސައިބަރ ކްރައިމްގެ މައްސަލަތައް ބެލުމަށް ޚާއްސަ ޑިޕާރޓްމަންޓެއް، އިރާދަކުރެއްވިއްޔާ މިއަހަރުގެތެރޭގައި ފުލުހުންގެ ޚިދުމަތަށް އިތުރުވެގެންދާނެ. އަދި ލޯކަލް ޕޮލިސިން ޕްރިއޯރިޓީގެ ދަށުން މިއަހަރުގެ ތެރޭގައި އިތުރު 42 ޕޮލިސް ސްޓޭޝަނެއް ޤާއިމުކުރުމަށް މިއަންނަނީ މަސައްކަތް ކުރަމުން."

ރާއްޖޭގެ އަމަންއަމާންކަން ކަށަވަރުކުރުމަށް ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުން މަސައްކަތްކުރައްވަމުން އަންނައިރު އެމުވައްސަސާތަކަށް ބޭނުންވާ ވަޞީލަތްތައް ހަމަކޮށް އެދެ މުވައްސަސާ ހަރުދަނާކޮށް ޒަމާނީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ. އަދި އޭގެ ނަތީޖާ ފެނިގެންދިޔަކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގުރޫޕު މާރާމާރީގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލުމުގެ އެއްވެސް ޙާދިސާއެއް މިދިޔަ އަހަރު ތެރޭގައި ހިނގާފައިނުވާކަމަށެވެ.

މީގެ އިތުރުން ކުޑަކުދިން ކުރާ ކުށްތަކާއި ކުޑަކުދިންނަށް ކުރާ ގޯނާތަކާއި ގެވެށި އަނިޔާ އާއި ޖިންސީ ގޯނާތަކާ ގުޅުންހުރި ކުށްތައް ބަލާ ތަޙުޤީޤުކުރުމަށް ފުލުހުންގެ ތެރޭގައި ޚާއްޞަ ވިންގެއް މިދިޔަ އަހަރު އުފައްދާ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒަމާނީ ވަޞީލަތްތަކާއެކު ޕްރޮފެޝަނަލް ގޮތެއްގައި ކުށްކުރުން މަދުކުރުމަށް ފުލުހުން މަސައްކަތްކުރާއިރު ރައްޔިތުންގެ އިތުބާރާއި ލޯބި ލިބޭ ބަޔަކަށް ފުލުހުން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ކުރުމަށް ޤާނޫނުތަކަށް ބަދަލުގެނެސްގެން މުހިއްމު މަސައްކަތްތަކެއްވަނީ ކުރެވިފައެވެ.