ވިޔަފާރި

ރިޔާސީ ބަޔާން: އިޤްތިޞާދު އަލުން އާރާސްތުކުރުމަށް، ދެ އަހަރެއްހާ ދުވަސް ނަގާނެ


އިޤްތިޞާދު އަލުން އާރާސްތުކުރުމަށް، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ކޯވިޑާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ދުވެލި ހުރިގޮތަށް ބަލާއިރު، އިޤްތިޞާދު އަލުން އާރާސްތުކުރުމަށް، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވީއެންމެ އަވަހަކަށް ކުރީގެ ޙާލަތަށް އެނބުރި ދިޔުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

" ކޯވިޑާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ދުވެލި ހުރިގޮތަށް ބަލާއިރު، އިޤްތިޞާދު އަލުން އާރާސްތުކުރުމަށް، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭ، ނަމަވެސް، ވީއެންމެ އަވަހަކަށް ކުރީގެ ޙާލަތަށް އެނބުރި ދިއުމަށްޓަކައި، އިޤްތިޞާދު ސިންދަފާތުކޮށް އިޤްތިޞާދީ ޙަރަކާތްތައް އެތައް ގުނައަކަށް އިތުރުކުރުމަށް ސަރުކާރުން މިހާރު ވާނީ މަސައްކަތް ފަށާފައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް މަސައްކަތްކުރާއިރު، މި ޞިނާއަތުގެ ފައިދާ ރާއްޖޭގެ އެންމެ އުތުރާއި ދެކުނަށްވެސް ލިބޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އެ އަމާޒަށް ވާޞިލުވުމަށްޓަކައި، ރަށު ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން، ޓޫރިސްޓް ހޮޓަލާއި ގެސްޓް ހައުސް ހެދުމަށް، ރާއްޖޭގެ އެކި ރަށްރަށުން، މިދިޔަ އަހަރުގެ ފަހުކޮޅު ބިންތަކެއް ވަނީ ބީލަމަށް ހުޅުވާލައިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، ރައީސް ވިދާޅުވީ މިހާރު ތަރައްޤީކުރަމުން އަންނަ ރިސޯޓްތަކާއި އެކު މިއަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5062 އެނދު މާކެޓަށް ނެރެވޭނެކަމަށެވެ. އަދި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ މި ރިސޯޓުތަކާއެކު ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް، އިތުރު 9000 ވަޒީފާ މި އަހަރުގެ ތެރޭގައި އުފެދޭނެކަމަށް ލަފާކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްޤީގެ މަޝްރޫޢުތައް ހެގުމުގައިވެސް އަދި އިޤްތިޞާދީ ޙަރަކާތްތައް ފުޅާކުރުމުގައިވެސް، ދެމެހެއްޓެނިވި ތަރައްޤީއާއި ތިމާވެށީގެ ރައްކާތެރިކަން އެއްކީލިކުރުމަށް، ސަރުކާރުން ޙާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.