ޚަބަރު

މިއަހަރުގެ ރިޔާސީ ބަޔާން : ޤައުމު އަލުން އާރާސްތު ކުރެއްވުމުގެ ތަސައްވުރު ހާމަކުރައްވާނެ - މަބްރޫކް


މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބައްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްވަވާ ރިޔާސީ ބަޔާން ވެގެންދާނީ ކޯވިޑް-19އިން އަރައިގަނެ ޤައުމު އަލުން އާރާސްތު ކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާނެ ރިޔާސީ ބަޔާނަކަށްކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9 ޖަހާއިރުއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރިޔާސީ ބަޔާން ވެގެންދާނީ ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ދެއްވާ 3ވަނަ ރިޔާސީ ބަޔާނަށެވެ. މިބަޔާނުގައި ރައްޔިތުންނަށް އުފާވެރި ޚަބަރުތަކެއް ދެއްވާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، މިހާތަނަށް އެންމެ ބޮޑު ސަމާލުކަމެއް ސަރުކާރުން ދެއްވާފައިވަނީ ކޯވިޑް-19 ކޮންޓްރޯލްކޮށް މިޙާލަތުން އަރައިގަތުމަށްކަމަށެވެ. އެގޮތުން މިހާރު ކޯވިޑުން ރައްކާތެރިވުމަށް ވެކްސިން ދޭން ފަށާފައިވާކަން ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން ވެގެންދާނީ އަލުން ޤައުމު އާރާސްތުކޮށް، ޤައުމު ބިނާކުރުމަށް ސަރުކާރުގެ ފަލްސަފާ ކުރިއަށް ރޭވިފައިވާގޮތް ހާމަކުރައްވާނެ ބަޔާނަކަށްކަމަށެވެ.

މަބްރޫކް ވިދާޅުވީ، ކޯވިޑު-19އިން ދަސްވި ފިލާވަޅަކީ، ސަރުކާރުގެ ބައެއްކަންކަން ތަރުތީބުކުރުމަށް ބަދަލުތަކެއް ގެންނަން ޖެހޭކަންކަމުގައެވެ. އެހެންކަމުން ރިޔާސީ ބަޔާނުގައި، ޤައުމު މިހާލަތުން އަރައިގަތުމަށްފަހު ގެންގުޅުއްވާނެ ޕްލޭން ހާމަކުރައްވާނެކަމަށެވެ. މިސަރުކާރު އައީވެސް ކުރަންޖެހޭ ކަންކަން ތަރުތީބުކޮށް ނަންބަރުތައް ޖައްސަވައިގެންކަމަށާއި، އެހެންކަމުން އިޤްތިޞާދީ އަދި އިޖްތިމާޢީގޮތުން ޤައުމު ކުރިއަށް ގެންދވާނެގޮތް ހާމަކުރައްވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ކޯވިޑް-19ފަދަ އިތުރު ކާރިޘާއެއް ޤައުމަށް ކުރިމަތިވެއްޖެނަމަ އަވަހަށް އަރައިގަތުމުގެ މިސްރާބަށް ޤައުމު ދެވޭނެގޮތަށް ޤައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ޕްލޭންވެސް ރައީސްގެ ބަޔާނުން ހާމަވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެކަމަށެވެ.