ޚަބަރު

ފުލުހުންގެ މުއައްސަސާއަށް ނައިބު ރައީސް ނުފޫޒާއި ބާރުފޯރުވާފައިވޭ


ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށް މުޅި ފުލުހުންގެ މުއައްސަސާއަށް ނައިބު ރައީސް އަހްމަދު އަދީބުގެ ނުފޫޒާއި ބާރު ވަރަށް ބޮޑަށް ފޯރުވާފައިވާކަމަށް ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.މިއަދު ޤަައުމާއި މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ، ސަރުކާރުން ނިންމާފައި އޮންނާނީ ވަޒީރުންނާއި ފުލުހުންގެ މުއައްސަސާއާއި ދެމެދު އެެއްވެސް ކަހަލަ ގާތް ގުޅުމެއް ނުބޭއްވުމަށް ކަމަށާއި، ހަމައެހެންމެ ނައިބް ރައީސަކީވެސް ފުލުހުންގެ މުއައްސަސާއާއި އެއްވެސް ކަހަލަ ގުޅުމެއް އޮންނަ ފަރާތެއްގެ ގޮތުގައި ނުވުމަށްކަމަށެވެ. ރައީސް ޔާމީންގެ ޒައާމަތުގައި ފުލުހުންނާއި ސިފައިންގެ މުއައްސަސާއަކީވެސް ޕްރޮފެޝަނަލް ތަންތަނުގެ ގޮތުގައި ބޭއްވުމަށް ނިންމާފައިވާކަމަށާއި، ނަމަވެސް ސެޕްޓެމްބަރު 28 ގައި ހިނގި ހާދިސާގެ ތަހުގީގުކުރިއަށްދާއިރު، އެމަނިކުފާނަށް ފެނިވަޑައިގެންނެވީ، ހައިރާންވާވަރުގެ މަންޒަރެއްކަމަށާއި، ފުލުހުންނަށް ބޭނުންވާ އެކި އެކި ކަންކަން ސަރުކާރުގެ ބަޖެޓުން ބޭރުން ނައިބު ރައީސް ކޮށްދެއްވާފައިވާކަމަށެވެ.ރައީސުލް ޖުމުހޫރިއްޔާ ވިދާޅުވީ، ފުލުހުންގެ އިންޓަލިޖެންސް މަޢުލޫމާތު ޖުލައި މަހުންފެށިގެން ރައީސަށް ލިބުން ހުއްޓިފައިވާކަމަށާއި، ނަމަވެސް އިންޓެލިޖެންސް މަޢުލޫމާތު ނައިބު ރައީސް އެއްކުރައްވަމުން ދިޔަކަން އެނގިވަޑައިގެންފައިވާކަމަަށެވެ. ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ، ނައިބު ރައީސުންނަށް އިޚްތިޔާރުދެއްވަނީ، ސަރުކާރު ހިންގުން ހަރުދަނާ ކުރުމަށާއި، ސަރުކާރުގެ މަސައްކަތްތައް އަވަސްކުރުމަށްކަމަށެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި މިހާތަނަށް ދެ ބޭފުޅަކު ނައިބު ރައީސްކަން ކުރައްވާފައިވާއިރު، މިހާރުގެ ނައިބު ރައީސަށްވެސް ފުލުހުންގެ މުއައްސަސާއަށް ނުފޫޒު ފޯރުވަން އިޚްތިޔާރުދީފައި ނުވާނެކަމަށެވެ. އެއީ ޤަވާއިދާ ޚިލާފަށް ކުރެއްވި ކަމެއްކަމަށާއި، އެކަން ކުރަން ފުރުސަތު ދެއްވީ އޭރު ފުލުހުންގެ މުއައްސަސާގައި އިސްކޮށް ތިއްބެވި ބޭފުޅުންކަމަށެވެ.ފުލުހުންގެ މުއައްސަސާއަށް އިތުރު ބަދަލެއް އައުމަކީ ނުވާނެކަމެއް ނޫނަކަމަށާއި، މިހާރު އެމުއައްސަސާ ހިންގެވުން ހަވާލުކުރައްވާފައިވާ ފަރާތްތަކުންވެސް ތަހުގީގަށް ހުރަސް އެޅޭފަދަކަމެއް ކޮށްފިނަމަ އެކަން އެމަނިކުފާނާއި ހަމައަށް އަންނާނެކަމަށެވެ. ރައީސް ވިދާޅުވީ، މުޅި ފުލުހުންގެ މުޅި މުއައްސަސާ ސަލާމަތްކޮށް އެއީ ދިވެހިންގެ އިތުބާރު ލިބިފައިވާތަނަކަށް ހެދުމަށް ކުރަންޖެހިއްޖެ ކޮނެމެ ކަމެއް ކުރައްވާނެކަމަށެވެ.