ކުޅިވަރު

އައްޑޫ ކައުންސިލް މުބާރާތް: ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ބޭރުމަތި ސެމީއަށް


އައްޑޫސިޓީ ކައުންސިލު މުބާރާތުގެ ގްރޫޕް ސްޓޭޖު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ބޭރުމަތި އެފްސީ ގްރޫޕް ސްޓޭޖު ނިންމާލައިފިއެވެ. ބޭރުމަތި އެފްސީ ގްރޫޕް ސްޓޭޖު ނިންމާލައިފައިވަނީ، ކުޅުނު 3 މެޗުންވެސް މޮޅުވެގެންނެވެ.

އެޓީމު ގްރޫޕު އޭ ގެ ފަހު މެޗުގައި ބައްދަލުކުރީ، ފާހި ސްޕޯޓްސް ކްލަބާއެވެ. ފާހި ޓީމާއި ބައްދަލު ކުރި މެޗު ބޭރުމަތިން ކާމިޔާބު ކުރީ، 4-5 ލަނޑުންނެވެ. މިއާއެކު ބޭރުމަތި ސެމީ ފައިނަލަށް ދަނީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ފާހި ސްޕޯޓްސް އާއި ބޭރުމަތި އެފްސީ ބައްދަލުކުރި މެޗުގެ ކުރީ ކޮޅު ފާހި ސްޕޯޓްސް އިން ލީޑު ނެގިއެވެ. އެޓީމަށް ލީޑު ނަގައި މެޗުގެ ފުރަތަމަ ދެ ލަނޑު ޖަހާފައިވަނީ އެޓީމުގެ ހުސެއިން ޝިފާޒްއެވެ. ފާއިތުވެ ދިޔަ އަހަރުގެ ޗެމްޕިއަން ބޭރުމަތި ޓީމުން މެޗުގެ ފެށުން ގޯސް ވި ނަމަވެސް، 17 ވަނަ މިނެޓުގައި އެޓީމުގެ އިބްރާހީމް ސާމީ ޓީމަށް ސުން ކަނޑާލަ ދިނެވެ. މިހާފު ނިމުމުގެ ކުރީން ފާހި ޓީމުން ވަނީ އެ ޓީމުގެ 3 ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފައެވެ.

ދެވަނަ ހާފު ފަށައިގެން ވާދަވެރި ކުޅުމެއް ދެޓީމުންވެސް ފެނިގެން ދިޔައެވެ. ނަމަވެސް ތަޖުރިބާ ހުރި ގިނަ ކުޅުންތެރިންތަކާއި އެކު ކުޅުނު ބޭރުމަތްޗަށް މެޗު އަނބުރާލާން މާ އުނދަގޫ ކަމަކަމަށް ނުވިއެވެ. އެޓީމުގެ އަބްދުﷲ ރިޔާޒް އާއި ޝަމްވީލް ޤާސިމް (ބޮންޑާ) ވަނީ ކޮންމެ ކުޅުންތެރިއަކަށް ދެ ލަނޑު މިހާފުގައި ޖަހައިދީ މެޗުގެ ނަތިޖާ މުޅިން ބަދަލު ކޮށްލާފައެވެ. މިމެޗުގައި ފާހި ޓީމުންވެސް އިތުރު ލަނޑެއް މެޗު ނިމެން ކައިރި ވެފައި ވަނިކޮށް އަހުމަދު ލޫތު ނައީމް ވަނީ ކާމިޔާބު ކޮށްދީފައެވެ.

މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބޭރުމަތި އެފްސީ ކޯޗު އަހުމަދު ނަސީމް ބުނީ، ފުރަތަމަ ހާފުގައި މައްސަލަތައް ދިމާވި ކަމަށެވެ. ނަމަވެސް މޮޅުވެގެން މެޗު ނިންމާލުމުން އުފާވާ ކަމަށާއި، ކުރިއަށް އޮތް ސެމީ ފައިނަލުގައި ކޮންމެ ޓީމަކާއި ޖެހުނަސް ޗެލެންޖަކަށް ވާނެ ކަމަށެވެ.

ފާހި ސްޕޯޓްސް ކޯޗު އަލީ ހަނީޒް ބުނީ، ޓީމުގެ ޕާފޯމެންސް ރަނގަޅު ކަމަށާއި، ނަމަވެސް މިއީ މުބާރާތުގެ އެންމެ އެކްސްޕީރިއެންސް ޓީމަށް ވެފައި، ޓީމުގައި ޤައުމީ ފެންވަރުގެ ކުޅުންތެރިން ތިބުމުން ދެ ޓީމުގެ ފަރަޤު އެކަމުން ދެއްކި ކަމަށް އޭނާ ބުނިއެވެ.

މިދެޓީމަކީ ވެސް އޭ ގްރޫޕުން ސެމީ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައިވާ ދެޓީމެވެ. މި ދެޓީމުގެ ތެރެއިން މިމެޗުން ބޭރުމަތި މޮޅުވުމުން އެޓީމު ސެމީ ފައިނަލުގައި ކުޅޭނީ ގްރޫޕު އޭ ގެ އެއްވަނައިގެ ގޮތުގައެވެ. އަދި ފާހި ސްޕޯޓްސް ކުޅޭނީ މި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ބީ ގްރޫޕުންވެސް ސެމީފައިނަލުގައި ކުޅޭނެ ދެ ޓީމު ވަނީ ކަށަވަރުވެފައެވެ. މިއަދު ހަވީރު މެދުވަލު އެފްސީ އާއި ފޭދޫ ސްޕޯޓްސް ބައްދަލު ކުރާ މެޗުގެ ނަތީޖާއިން ގްރޫޕުގެ ވަނަތަށް ކަށަވަރު ވާނެއެވެ.