ކުޅިވަރު

ފޯމިއުލަރ ވަންގެ އާ ރޭސް ޓްރެކެއް ރިއޯ ޑި ޖެނީރޯގައި ނުހަދަން ނިންމައިފި


ފޯމިއުލަރ ވަންގެ އާ ރޭސް ޓްރެކެއް ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ހެދުމަށް ކުރިން ހިޔާލު ކުރި ނަމަވެސް އެކަން ކުރިއަށް ނުގެންދާން ނިންމައިފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެފް ވަން އާއި ބްރެޒިލްގެ ކަމާބެހޭ ފަރާތްތަކުން މިގޮތަށް ނިންމީ ތިމާވެއްޓަށް އޭގެ ސަބަބުން ގެއްލުންވާކަމަށް ހާމަވުމާގުޅިގެންނެވެ.

ކުރިން އާމީ ބޭސްއެއްގެ ގޮތުގައި ބޭނުން ކުރަމުންދިޔަ ސަރަހައްދެއްގައި ހެދުމަށް ކުރިން ހިޔާލު ކުރެވުނު މިޕްރޮޖެކްޓް ގެ ސަބަބުން އެސަރަހައްދުގެ ފޮރެސްޓެއްގެ ބައެއް ނައްތާލަން ޖެހެއެވެ. އަދި މިކަމުގެ ސަބަބުން ތިމާވެށި ހިމާޔަތް ކުތާ ޖަމިއްޔާތަކުންވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ރިއޯގެ ތިމާވެއްޓާބެހޭ ސެކްރެޓަރީ ހާމަކުރިގޮތުގައި ރިއޯ އިންޓަރނޭޝަނަލް ސަރކިޓް ގެ މަސައްކަތާއިގެން ކުރިއަށް ނުދާން ރަސްމީކޮށް ނިންމައިފިކަމަށެވެ. މި ސަރކިޓް ހެދުމަށް ހަމަޖެހިފައިވި ސަރަހައްދަކީ ކެމްބޮއާޓާ ފޮރެސްޓްގެ ތެރޭގައި އޮންނަ ސަރަހައްދެކެވެ.

މި ސަރކިޓް ހެދުމަށް ކުރިން ވަނީ ބްރެޒިލްގެ ރައީސް ޖާއިރު ބޮލްސޮނާރޯވެސް ތާއީދު ކުރައްވާފައެވެ. އަދި އެފް ވަންއާއެެކު އެއްބަސްވުމެއްވެސް އެކުލަވާލެވިފައިވެއެވެ. ނަމަވެސް މި ސަރކިޓް ހެދުމަށް ގިނަ ބަޔަކު ހިތްހަމަ ނުޖެހޭކަން އެނގުމާއެކު އެފް ވަންއިން ވަނީ ރިއޯގައި އާ ސަރކިޓެއް ހެދުމުގެ ބަދަލުގައި ސައޮ ޕާލޯގައި އޮންނަ އިންޓަރލާގޯސް ސަރކިޓްގައި މިހާރެކޭވެސް އެއްގޮތަށް ބްރެޒީލިއަން ގްރޯން ޕްރީ ބާއްވަން ނިންމާފައެވެ. އިންޓަރލާގޯސް ސަރކިޓްގައި މިރޭސް އަންނަނީ 1990 ވަނަ އަހަރުން ފެށިގެން ބާއްވަމުންނެވެ. މިދިޔަ އަހަރު ކޮރޯނާ ވައިރަހުގެ ސަބަބުން މިރޭސް ބްރެޒިލްގައި ނުބޭއްވުނު ނަމަވެސް މިއަހަރު އަލުން އޮންނާނެ ކަން ވަނީ ހާމަކޮށްފައެވެ. އަދި މިއަހަރު ބްރެޒިލްގައި ބާއްވާ ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސައޮ ޕައުލޯ ގްރޯން ޕްރީގެ ނަމަށް ބަދަލުކޮށްގެންނެވެ.