ޚަބަރު

ރަޝިޔާގެ ސްޕަޓްނިކް-5 ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 92 އިންސައްތަ


ރަޝިޔާގެ ސްޕަޓްނިކް-5 ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 92 އިންސައްތަކަމަށް ތިންވަނަ މަރުހަލާގެ ތަހުލީލުތަކުން ދައްކައިފިއެވެ. އެ ނަތީޖާތައް މިހާރުވަނީ ބައިނަލްއަޤްވާމީ މެޑިކަލް ޖަރނަލެއްކަމަށްވާ ދަ ލޭންސެޓުގައި ޝާޢިއުކޮށްފައެވެ.

މޮސްކޯގައި ހުންނަ ގަމާލެޔާ އިންސްޓިޓިއުޓުގައި ތައްޔާރުކޮށްފައިވާ ވެކްސިންގެ އެންމެ ފަހުގެ ދިރާސާތަކުގެ ނަތީޖާއާއި ފުރަތަމަ މަރުހަލާތަކުގެ ނަތީޖާތަކާއި ދިމާވެއެވެ. މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވެކްސިންގެ އެންމެ ފަހު މަރުހަލާގެ ތަހުލީލު ނަތީޖާތައް ނުލިބެނީސް ރަޝިޔާއިންވަނީ ސްޕަޓްނިކް-5 ވެކްސިނަށް ހުއްދަދީފައެވެ. އެ ޤައުމުންވަނީ އެ ވެކްސިނަކީ ދުނިޔެއިން އެންމެ ފުރަތަމަ ހުއްދަދީފައިވާ ކޯވިޑް-19 ވެކްސިން ކަމުގައި ބުނެފައެވެ.

އޭގެ ދުވަސްކޮޅެއްފަހުން ކުރީ ސަފުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކަށްވަނީ ވެކްސިން ދޭން ފަށައިފައެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އާންމުންގެ ތެރެއިން ބައެއް ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށްވެސްވަނީ އެ ވެކްސިން ދީފައެވެ. ޖަނަވަރީ މަހުން ފެށިގެން އެ ޤައުމުގެ ހުރިހާ ރައްޔިތުންނަށްވަނީ އެ ވެކްސިން ދޭން ފަށައިފައެވެ.

ތިންވަނަ މަރުހަލާގެ ނަތީޖާތައް ނުލިބެނީސް ވެކްސިނަށް ހުއްދަދީ އާންމުންނަށް އެ ވެކްސިން ދޭން ފެށުމުގެ ސަބަބުން އެ ޤައުމަށްވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. މާ އަވަސް އަރުވާލައިގެން ވެކްސިންގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަމަށާއި އެ މަސައްކަތް ކޮށްފައިވަނީ ދެފުށް ފެންނަ ގޮތަކަށް ނޫންކަމަށް ގިނަ ފަރާތްތަކަކުން ދިޔައީ ބުނަމުންނެވެ.

ވެކްސިން ތަހުލީލުކުރުމުގައި ބައިވެރިވެފައިނުވާ ސައިންސުވެރިން ވެކްސިންގެ ތިންވަނަ މަރުހަލާގެ ނަތީޖާތައް ދިރާސާކުރުމަށްފަހުވަނީ އެ ވެކްސިން ބޭނުންކުރުމުގެ ފެހި ސިގްނަލު ދީފައެވެ. އެ ވެކްސިންގެ ކާމިޔާބީގެ ނިސްބަތް މަތިވުމަކީ ފަހު މަރުހަލާގެ ނަތީޖާތަކަށް މަޑުނުކޮށް އެ ޤައުމުން ވެކްސިން ޖަހަން ފަށައިފައިވާ ފެށުން ކޮންމެވެސް ވަރަކަށް ބަލައިގަނެވޭ ކަމެކެވެ.

ސައިންސުވެރިންބުނީ ވެކްސިންގެ ކާމިޔާބީގެ ނިސްބަތް މިހާރު ސާފުކަމަށާއި ކޯވިޑް-19އާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި މިހާރު އެ ވެކްސިން ބޭނުންކުރެވޭނެކަމަށެވެ. ރަޝިޔާގެ ވެކްސިންވަނީ 19،866 މީހެއްގެ މެދުގައި ތަހުލީލުކޮށްފައެވެ. އޭގެ ތެރެއިން ތިން ބައި ކުޅަ އެއްބައި މީހުންނަށް ދީފައިވަނީ ޕްލެސީބޯއެކެވެ. ދެން ބާކީ ތިބި މީހުންނަށް ދީފައިވަނީ ތަހުލީލުކުރަމުންދިޔަ ވެކްސިނެވެ.

މޮސްކޯގައި ތަހުލީލުތައް ފެށީންސުރެ ވެކްސިން ދިން މީހުންގެ ތެރެއިން އަލާމާތްތަކާއިއެކު ބަލިޖެހިފައިވަނީ 16 މީހުންނަށެވެ. ޕްލެސީބޯ ދިން މީހުންގެ ތެރެއިން 62 މީހަކަށްވަނީ އަލާމާތްތަކާއިއެކު ބަލިޖެހިފައެވެ. އެ ނަތީޖާއިން ދެއްކި ގޮތުގައި ދެ ޑޯޒް ހިމެނޭ ސްޕަޓްނިކް-5 ވެކްސިންގެ ދެ ޑޯޒް 21 ދުވަހުގެ ދުރުކަމަކާއިއެކު ދިނުމުން އެ ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 91.6 އިންސައްތައެވެ.

ސްޕަޓްނިކް ފަހެއްގެ ތަހުލީލުތަކުގައި އުމުރުން 60 އަހަރުން މަތީގެ 2،144 މީހުންވަނީ ބައިވެރިވެފައެވެ. އެ އުމުރުފުރައިގެ މީހުންނަށް ބަލިޖެހުމުން ރައްކާތެރިކޮށްދިނުމުގައި ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 91.8 އިންސައްތައެވެ. އެ އުމުރުފުރައިގެ މީހުންގެ ތެރެއިން ވެކްސިން ދިން އެއްވެސް މީހަކަށް ވެކްސިން ދިނުމުގެ ސަބަބުން އެއްވެސް ބޮޑު މައްސަލައެއް ދިމާވެފައެއް ނުވެއެވެ.

ގަމާލެޔާ އިންސްޓިޓިއުޓުން މިހާރުދަނީ ކޯވިޑް-19ގެ އައު ވައްތަރުތަކާއި ދެކޮޅަށް ސްޕަޓްނިކް ފަހެއް ވެކްސިން ތަހުލީލުކުރަމުންނެވެ. އެ ތަހުލީލުތަކުން މިހާތަނަށް ލިބިފައިވާ ނަތީޖާތައް ވަރަށް ރަނގަޅުކަމަށް ގަމާލެޔާ އިންސްޓިޓިއުޓުންވަނީ ބުނެފައެވެ.

ރަޝިޔާގެ ވެކްސިނަކީ މަޝްހޫރު މެޑިކަލް ޖާނަލެއްގައި އެ ވެކްސިނެއްގެ ތިންވަނަ މަރުހަލާގެ ތަހުލީލުތަކުގެ ނަތީޖާ ޝާޢިއުކޮށްފައިވާ ހަތަރުވަނަ ވެކްސިނެވެ. މީގެ ކުރިން ފައިޒަރ، މޮޑާނާ އަދި އެސްޓްރަޒެނެކާގެ ވެކްސިންގެ ނަތީޖާތައްވަނީ މެޑިކަލް ޖާނަލްތަކުގައި ޝާޢިއުކޮށްފައެވެ. ފައިޒާ ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 95 އިންސައްތައެވެ. އެއަށްފަހު ދެން އެންމެ ކާމިޔާބީ މޮޑާނާގެ ވެކްސިނާއި ސްޕަޓްނިކް-5 ވެކްސިނެވެ. އެސްޓްރަޒެނެކާގެ ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 70 އިންސައްތައެވެ.

ސްޕަޓްނިކް-5 ވެކްސިނަކީ އާދައިގެ ފްރިޖެއްގެ ފިނިހޫނު މިނުގައި ރައްކާކުރެވޭ ވެކްސިނެކެވެ. އެހެންކަމުން އެ ވެކްސިން ރައްކާކޮށްފައި ބެހެއްޓުމާއި އެއްތަނުން އަނެއް ތަނަށް ގެންދިޔުން ފަސޭހަވާނެކަމަށް ގަމާލެޔާގެ ސައިންސުވެރިންވަނީ ފާހަގަކޮށްފައެވެ.

ރަޝިޔާއިންވަނީ ތިންވަނަ މަރުހަލާގެ ނަތީޖާތައް އެކި ޤައުމުތަކުގެ ވެކްސިނަށް ޙުއްދަދޭ އިދާރާތަކަށް ފޮނުވާފައެވެ. ވިލާތުގެ އިއްތިޙާދުގައި އެ ވެކްސިން ބޭނުންކުރުމުގެ ހުއްދައަށް އެދި ޔޫރަޕިއަން މެޑިސިންސް އޭޖެންސީ، އީއެމްއޭއަށް އެ ވެކްސިނާއިގުޅޭ އެންމެހާ މަޢުލޫމާތު މިހާރު ފޮނުވާފައިވާކަމަށް ރަޝިޔާއިން ބުންޏެވެ. މިހާތަނަށް 15 ޤައުމަކުން ސްޕަޓްނިކް ފަހެއް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވާއިރު އަންނަ ހަފުތާ ނިމުމުގެ ކުރިން އެ ޢަދަދު 25އަށް އިތުރުވާނެކަމަށް ބެލެވެއެވެ.