ވިޔަފާރި

އިންޑިގޯއިން ރާއްޖެއާއި ބެންގަލޫރާ ދެމެދު ބާއްވާ ދަތުރުތައް އިތުރުކޮށްފި


އިންޑިގޯއިން ރާއްޖެއާއި އިންޑިއާގެ ބެންގަލޫރާއި ދެމެދު ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

އިންޑިއާގެ އިންޑިގޯ އެއަރލައިނުންވަނީ ކޮންމެ ދުވަހަކު ރާއްޖެއާއި ބެންގަލޫރާއި ދެމެދު ދަތުރެއް ކުރުމަށް ނިންމާފައެވެ. މި ދަތުރުތަކަކީ ސީދާ ދަތުރުތަކެކެވެ. މީގެކުރިން އެއަރލައިނުން ރާއްޖެއަށް ބާއްވަމުން އައިސްފައިވަނީ ހަފްތާއަކު 3 ދަތުރެވެ.

އިންޑިގޯ އެއަރލައިނުން ދަނީ ރާއްޖެއާއި އިންޑިއާގެ 4 ސިޓީއަކާއި ދެމެދު ދަތުރުތައް ބާއްވަމުންނެވެ. އެގޮތުން ބެންގަލޯގެ އިތުުރުން، އިންޑިއާގެ މުމްބާއީއާއި ރާއްޖެއާއި ދެމެދުވެސް އެއަރލައިނުންދަނީ ދުވާލަކު އެއް ދަތުރު ބާއްވަމުންނެވެ. އަދި ދިއްލީއަށް ހަފްތާއަކު ހަތަރު ދަތުރު ބާއްވާއިރު، ރާއްޖެއާއި ކޮޗިން އާއި ދެމެދު ހަފްތާއަކު ހަތަރު ދަތުރުދަނީ ބާއްވަމުންނެވެ.

އިންޑިގޯއިން ރާއްޖެއާއި ބެންގަލޫރާއި ދެމެދު ކުރާ ދަތުރުތައް އިތުރުކޮށްފައިވާއިރު، އެޤައުމުގެ ގޯ އެއަރލައިނުންވަނީ އިންޑިއާގެ ހައިދަރުއާބާދާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމާފައެވެ.

އިންޑިއާގެ ހައިދަރުއާބާދާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ދެމެދު ބާއްވާ ސީދާ ދަތުރުތައް ފަށާނީ އަންނަމަހުގެ 8 ވަނަ ދުވަހުކަމަށް ގޯ އެއަރއިން ބުނެއެވެ. އަދި މިދަތުރުތައް ހަފްތާއަކު 4 ދުވަހު ބާއްވާއިރު، ދަތުރުތައް އޮންނާނީ ހޯމަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާއަށް ދަތުރުކުރާ ޤައުމެކެވެ. އަދި މީގެ އިތުރުން އެޤައުމަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިންވެސް އަންނަ ޤައުމެކެވެ. އެގޮތުން މި ނިމުނު އަހަރު ރާއްޖެއަށް އެންމެ ގިިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 11.3 އިންސައްތައަކީ އިންޑިއާގެ ފަތުރުވެރިންނެވެ. 2020 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް 62905 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.