އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަޒުލްކުރުމަށް ބާއްވާ ޝަރީޢަތްތަކުގައި އެމަނިކުފާނު ދިފާޢުކުރައްވާ ވަފުދުގައި އިސްކޮށް ހަރަކާތްތެރިވުމަށް އައު ދެ ޤަނޫނީ ވަކީލުން އައްޔަނުކޮށްފިއެވެ. އެކަން ޓްރަމްޕް އިޢުލާނުކުރައްވާފައިވަނީ އަޒުލްކުރުމުގެ މައްސަލައިގައި އެމަނިކުފާނު ދިފާޢުކުރެއްވުމުގައި ބައިވެރިވާ ގިނަ ޤާނޫނީ ވަކީލުންތަކެއް އެ މަސްޢޫލިއްޔަތުން ވަކިކޮށްފައިވާކަމުގެ އަޑުފެތުރިފައި ވަނިކޮށެވެ.
ރައީސް ޓްރަމްޕްގެ ދިފާޢީ ވަފުދުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ އެ މަސައްކަތް އަލަށް ޙަވާލުކޮށްފައިވާ ޑޭވިޑް ޝޯންއާއި ބުރޫސް ކެސްޓޯއެވެ. ފެބްރުއަރީ މަހުގެ 9ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޝަރީޢަތަށް ތައްޔާރުވުމުގައި މީގެ ކުރިންވެސް ޝޯން ދިޔައީ އެހީތެރިވަމުންކަމަށް ޓްރަމްޕްގެ އިދަރާއިން ނެރުނު ބަޔާނެއްގައިވަނީ ބުނެފައެވެ.
ކެސްޓޯއަކީ ޖިނާޢީ ޤާނޫނުގެ މާހިރެކެވެ. އަދި ޝޯންއަކީ މަދަނީ ހައްޤުތަކާއިބެހޭ މައްސަލަތަކުގައި އަދި ސަރުކާރާއި ގުޅުންހުރި ޖިނާޢީ މައްސަލަތަކުގައި މަސައްކަތްކުރައްވަމުންދިޔަ ބޭފުޅެކެވެ. ޓްރަމްޕްގެ ވަކީލުންގެ ވަފުދުގައި ހިމެނޭ ސައުތު ކެރޮލީނާއަށް ނިސްބަތްވާ ދެ ޤާނޫނީ ވަކީލުންކަމުގައިވާ ޑޮބޯރާ ބާބެރީއާއި ބަޗް ބައުވާސް އެ ވަފުދުން ވަކިވެފައިވާކަމަށް އިތުބާރުހުރި މަސްދަރުތަކުން ބުންޏެވެ. އެގޮތަށް ނިންމާފައިވަނީ ދެ ފަރާތުގެ އެއްބަސްވުމާއި އެކުގައިކަމަށްވަނީ އެނގިފައެވެ.
އެމެރިކާގެ ވެރިކަމުގައި ރައީސް ޓްރަމްޕް ހުންނެވި ފަހު ދުވަސްކޮޅުގައި ރައީސް ޓްރަމްޕަށް ވާގިވެރިވާ ގިނަ ޢަދަދެއްގެ މީހުންވަނީ އެމެރިކާގެ ޤާނޫނުހަދާ މަޖިލީސް ހިންގާ ކެޕިޓޮލް އިމާރާތަށް ވަދެ، އެތަނުގައި ހަމަނުޖެހުން އުފައްދައިފައެވެ. އެ ހާދިޘާގައި ފުލުހަކު ހިމެނޭގޮތަށް ފަސް މީހުންވަނީ މަރުވެފައެވެ. ޓްރަމްޕަށް ވާގިވެރިވާ މީހުން އެ އިމާރާތުގައި ހަމަނުޖެހުން އުފައްދާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހުގައި އެ ޤައުމުގައި ބޭއްވި ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާކަމަށް ރައީސް ޓްރަމްޕް ކުރައްވާ ތުހުމަތުތައް ތަކުރާރުކުރައްވާ، އިންތިޚާބު ކާމިޔާބުކުރެއްވީ ޖޯ ބައިޑަންކަމަށް ޤާނޫނުހަދާ މަޖިލީހުން ކަށަވަރުކުރާ ވަގުތު ނަތީޖާއާއިމެދު އޮތް ހިތްހަމަނުޖެހުން ފައުޅުކުރުމަށް އެ އިމާރާތްދޮށަށް އެއްވުމަށް ރައީސް ޓްރަމްޕް ގޮވާލެއްވުމުންނެވެ. އެ ހާދިޘާއާއި ގުޅިގެން ޑިމޮކްރަޓުންވަނީ ޓްރަމްޕް އަޒުލްކުރުމުގެ މަސައްކަތް ފަށައިފައެވެ. ޓްރަމްޕް އަޒުލްކުރުމުގެ އަޑުއެހުންތައް ޤާނޫނުހަދާ މަޖިލީހުގެ މަތިގޭގައި ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާއިއު، އެ މަޖިލީހުގެ ތިންބައި ކުޅަ ދެބަޔަށް ޓްރަންޕު ކުށްވެރިވެފައިވާކަމަށް ފެންނަނަމަ ޓްރަންޕަށް ދެން ރައީސްކަމާއި ދުވަހަކުވެސް ކުރިމަތި ނުލެވޭފަދަ ގޮތެއް މެދުވެރިވުމަކީ އެކަށީގެންވާކަމެކެވެ.
ޓްރަމްޕް އަޒުލްކުރުމުގެ ޝަރީޢަތް ކުރިއަށް ގެންދިޔުމަށް ފެންނަކަމަށް ވޯޓުދީފައިވަނީ ރިޕަބްލިކަނުންނަށް ނިސްބަތްވާ އެންމެ ފަސް މެންބަރުންނެވެ. އެއާއިއެކު ޓްރަމްޕް ކުށްވެރިވެރިވެފައިވާކަމަށް ނިންމުމަށް ބޭނުންވާ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ޑިމޮކްރަޓުންނަށް ލިބޭނެކަމާއިމެދުވަނީ ސުވާލު އުފެދިފައެވެ