ރައީސުލްޖުމްޙޫރިއްޔާ އަބްދުﷲ ޔާމީން އަވާހަރަކޮށްލަން ދިން ނުރައްކާތެރި ޙަމަލާގެ ތަޙުޤީޤަށް ހައްޔަރުކޮށްފައިވާ މީހުންގެ ގޭގެއިން ބޮން ހަދާ ސާމާނު ފެނިފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށް ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވެއްޖެއެެވެ. ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވާ ހިނގި ޙާދިސާއަށްފަހު ފުރަތަމަ ފަހަރަށް ޤައުމާއި މުޚާތަބްކުރައްވާ ރައީސް ވިދާޅުވީ، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވާ ހިނގި ޙާދިސާގެ ތަޙުޤީޤަށް ހައްޔަރުކުރި މީހުންގެ ގެތައް ބަލާ ފާސްކުރި އިރު ބޮން ހަދާނެ ސާމާނު ފެނިފައިވާކަމަށާއި އެތަކެތި ސަލާމަތީ ބާރުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖެ އެތެރެކޮށްގެން އުޅޭ ހަވާ ޝިޕްމަންޓު އެތެރެކުރެވުނު ގޮތާއި އެ ފާސްކުރެވުނު މިންވަރާމެދު ސުވާލު އުފެދޭކަމަށާއި ހަވާ ޝިޕްމަންޓުގައި ހުރީ ކޮން އެއްޗެއްކަމެއް އެހާ ރަނގަޅަށް އެނގެންނެތް ކަަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ވަރަށް އަވަސް އަރުވާލައިގެން ކްލިއަރ ކުރެވުނު ހަވާ ޝިޕްމަންޓެއްކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައިވެއެވެ. ރާއްޖެއަށް ހަވާގެ ގޮތުގައި ގެނެވޭ ބަޑިބޭހުގެ ސާމާނަކީ ޒަމާނުއްސުރެ ސިފައިންގެ ބެލުމުގެ ދަށުން ސިފައިން ގެނެސް އެތެރެކުރާ އެއްޗެއްކަމަށާއި، އެހެންނަމަވެސް ޑިފެންސް މިނިސްޓަރަކަށް އޭރު ހުންނެވި މޫސާ އަލީ ޖަލީލް އެކަން އަމިއްލަފުޅަށް ބަދަލުކޮށް، އެމްއެމްޕީއާރްސީއަށް އަމިއްލައަށް ބަޑިބޭސް އެތެރެކުރުމުގެ ޙުއްދަ ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ އުސޫލު އޭނާ ބަދަލުކުރެއްވީ ރައީސުލްޖުމްޙޫރިއްޔާއާއި އަދި ސިފައިންގެ ވެރިންނާވެސް މަޝްވަރާކުރުމެއްނެތި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މިދެންނެވި ސަބަބާ ހެދި އެމަނިކުފާނަށް ފެނިވަޑައިގަތީ ޑިފެންސް މިނިސްޓަރަކަށް ހުންނެވި މޫސާ އަލީ ޖަލީލް މިނިސްޓަރު ކަމުގައި ހުންނަވައިގެން ރިޔާސީ ލޯންޗުކޮޅު ޙާދިސާގެ ތަހުޤީޤު ކުރިއަށް ނުދާނެތީ، ޑިފެންސް މިނިސްޓަރު މަޤާމުން މޫސާ އަލީ ޖަލީލް ވަކިކުރެއްވުމަށް ކަމަށެވެ. ރިޔާސީ ލޯންޗުކޮޅުގެ ޙާދިސާގައި މޫސާ އަލީ ޖަލީލްގެ އެއްވެސް ކަހަލަ ބައިވެރިވުމެއް އޮތް ކަމަަކަށް ޤަބޫލުނުކުރައްވާ ކަމަށާއި އެހެންނަމަވެސް ހަވާ ޝިޕްމަންޓުގެ ކަންތައްތައް ހިނގާފައި އޮތީ ވަރަށް ގޯސްކޮށްކަމަށް ޤަބޫލުފުޅުކުރައްވާކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.