ވިޔަފާރި

އުރީދޫއަށް މިދިޔައަހަރު 1.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް


އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

އުރީދޫ މޯލްޑިވްސްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެކުންފުންޏަށް 1.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ އެކުންފުންޏަށް މިދިޔަ އަހަރު ލިބުނު 2 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.

1.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް އުރީދޫ މޯލްޑިވްސްއަށް ލިބިފައިވާއިރު، އެކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 407 މިލިއަން ރުފިޔާއެވެ. މިއީ އެކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 598 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.

ވަކިވަކި ކުއާޓަރުތަކަށް ބަލާލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫއަށް 543 މިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް 159 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 2 ވަނަ ކުއާޓަރުގައި 409 މިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި 80 މިލިއަން ރުފިޔާ ލިބުނެވެ. 3 ވަނަ ކުއާޓަރުގައި 367 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 62 މިލިއަން ރުފިޔާއެވެ. އަދި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 402 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، ސާފު ފައިދާގެ ގޮތުގައި އުރީދޫ މޯލްޑިވްސްއަށް ލިބިފައިވަނީ 104 މިލިއަން ރުފިޔާއެވެ.

2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު ވަތަނިއްޔާގެ ނަމުގައި ދިވެހިންނަށް ތައާރަފްވެ ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ވިއުގައަށް އުރީދޫ މޯލްޑިވްސްއިން ވަނީ އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ. އަދި އުރީދޫއިން ރާއްޖޭގައި ޙިދުމަތްދޭން ފެށިތާ 15 އަހަރު މިދިޔަ އަހަރު ވަނީ ވެފައެވެ.