ޚަބަރު

ޙަބަރެއް ނުވެގެން ހޯދަމުންދިޔަ 3 ދޯނީގެ ތެރެއިން 2 ދޯނި ފެނިއްޖެ


ޙަބަރެއް ނުވެގެން ހޯދަމުންދިޔަ 3 ދޯނީގެ ތެރެއިން 2 ދޯނި ފެނިފައިވާކަމަށް އެމް.އެން.ޑީއެފުން ބުނެފިއެވެ.ފެނިފައިވާ 2 ދޯންޏަކީ ނޫމަސް ދޯންޏާއި އެޓޯލް އެކްސްޕްރެސް ދޯނިކަމަށް އެމް.އެން.ޑީއެފުން މައުލޫމާތުދެއެވެ. ގެއްލިގެން ހޯދާ 2 ދޯނީގެ ކެޕްޓަނުންނާއި ހަވާލާދީ އެމް.އެން.ޑީއެފުން ވިދާޅުވީ ދެ ދޯނި އަޑިޔަށް ގޮސްފައިވަނީ އިއްޔެގެ 14:30ހާއި 15:00 އާއި ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި ދޯނިން ދަތުރުކުރި މީހުން ކޮންޓޭނަރ ފެންމަތިކޮށް ފްލޯޓެއް ހަދައިގެން ރައްކާތެރިކަން ހޯދާފައިވާކަމަށް ދޯނީގެ ކެޕްޓަން އާއި ހަވާލާދީ އެމް.އެން.ޑީއެފުން މައުލޫމާތުދެއެވެ. މި ދެ ދޯނިން ދަތުރުކުރި 11 މީހުން ގޮވައިގެން ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީގައި ގއ.ވިލިނގިއްޔަށް ދަތުރުކުރަމުންދާކަމަށް އެމް.އެންޑީއެފުން މައުލޫމާތުދެއެވެ. މި ދެ ދޯނިން ދަތުރުކުރި އެއްވެސް މީހަކު ގެއްލިފައި ނުވާކަމަށް ވެސް ދެ ދޯނީގެ ކެޕްޓަނުންނާއި ހަވާލާދީ އެމް.އެން.ޑީއެފުން މައުލޫމާތުދެއެވެ. މި ދެ ދޯނިން ދަތުރުކުރި މީހުން ފެނިފައިވަނީ މިއަދު ގާތްގަނޑަކަށް 12:15 ހާއިރު ލ.ގާދޫގެ 50 މޭލު އިރުންކަމަށާއި ދޯނިން ދަތުރުކުރި މީހުން ފެނުނުއިރު ތިބީ ކަނޑުމަތީ އޮތް ކޮންޓޭނަރެއްގެ މަތީގައިކަމަށް އެމް.އެން.ޑީއެފުން މައުލޫމާތުދެއެެވެ. ކޮންޓޭނަރު މަތީގައި 11 މީހުން ތިބި އިރު އޭގެ ތެރެއިން އެކަކުގެ ފައި ބިންދައިގެން ގޮސްފައިވާކަމަށް ވެސް އެމް.އެންޑީއެފުން މައުލޫމާތުދެއެވެ. ނޫމަސް ދޯންޏާއި އެޓޯލް އެކްސްޕްރެސް ދޯނި އެސަރަޙަދަށް އަޑިއަށް ގޮސްފައިވާކަމަށް ދޯނިން ދަތުރުކުރި ފަޅުވެރިން މަޢުލޫމާތު ދީފައިވާކަމަށް ވެސް އެމް.އެން.ޑީ އެފުންބުނެފައިވެއެވެ.