ކުޅިވަރު

ޓުޗެލްގެ ކޯޗުކަމުގެ ދަށުން ޗެލްސީ ފުރަތަމަ ކާމިޔާބީ ހޯދައިފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ބާރންލީ ބައްދަލުކުރިމެޗް ޗެލްސީ ކަމިޔާބުކޮށްފިއެވެ. ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ. މިއީ ޗެލްސީގެ ކޯޗް ކަމާއި ޖަރުމަނުވިލާތުގެ ތޯމަސް ޓުޗެލް ހަވާލުވިފަހުންއެޓީމް ކާމިޔާބުކުރި ފުރަތަމަ މެޗެވެ.

މިމެޗްގައި ޗެލްސީއިންވަނީ ގިނަ އިރު ބޯޅަ ގެންގުޅެ ގިން ހަމަލާތަކެއް އުފައްދާފައެވެ. މިމެޗްގައި ޗެލްސީގެ ފުރަތަމަ ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ޖަހައިދިނީ އެޓީމްގެ ކެޕްޓަން ސެޒަރ އަޒްޕިލިކުއޭޓަރއެވެ. މިއީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗް ނިމެން 6 މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ގިނަ ދުވަސް ތަކަކަށްފަހު ފުރަތަމަ އެގާރައިން ޖާގަ ލިބުނު މާކަސް އަލޮންސޯއެވެ. މީގެއިތުރުން މިމެޗްގައި މޮޅު ކުޅުމެއް ދެއްކި ކަލުމް ހަޑްސަން އޮޑޯއި އަށް ވެސް ލަނޑު ޖަހާނެ ރަގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. ޓުޗެލްގެ ކޯޗްކަމުގެ ދަށުން ޗެލްސީ ކުޅުނު ފުރަތަމަ މެޗްވަނީ ލަނޑެއް ނުޖެހި އެއްވަރު ވެފައެވެ.

މިކާމިޔާބީއާއެކު ޗެލްސީ ވަނީ ޕޮއިންޓް ތާވަލްގެ ހަތްވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ކުޅުނު 21 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކުއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޓުޗެލް ބުނީ އޭނާ އެންމެ ހިތްހަމަ ޖެހުނީ މެޗްގެ ހުރިހާ އިރަކު ޗެލްސީއިން ކޮންޓްރޯލް ކޮށް ޗެލްސީގެ ކުޅުން ކުޅެވޭތޯ ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރީތީއެވެ. އަދި ހުރިހާ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ހިތްހަމަޖެހޭ ރަނގަޅު ކުޅުމެއް ކަމަށާއި މިއީ ޗެލްސީއަށް ހައްގު ކާމިޔާބީއެއް ކަމަށްވެސް ޗެލްސީގެ ކޯޗް ހާމަކުރިއެވެ. ބަރންލީގެ ކޯޗް ޝޯން ޑައިސް ހާމަކުރިގޮތުގައި މިމެޗް ކާމިޔާބުކުރީ މިމެޗްގައި މޮޅަށް ކުޅުނު ޓީމް ކަމަށާއި ދެވަނަ ހާފްގައި ޗެލްސީގެ ކުޅުން ވަރަށް ރަނގަޅު ކަމަށެވެ. މި ނާކާމިޔާބީއާއެކު ބަރންލީ މިހާރުވަނީ 20 މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައަށް ފަހަތަށް ޖެހިލާފައެވެ.