ކުޅިވަރު

ލާޒިއޯ އާއި އެޓަލާންޓާ ބައްދަލުކުރިމެޗް ލާޒިއޯ ކާމިޔާބުކޮށްފި


އިޓާލިއަން ސެރީއާގައި ލާޒިއޯ އާއި އެޓަލާންޓާ ބައްދަލުކުރިމެޗް ލާޒިއޯ ކާމިޔާބުކޮށްފިއެވެ. އެޓަލާންޓާގެ ދަނޑުގައި ކުޅުނު މިމެޗް ލާޒިއޯ ކާމިޔާބުކުރީ 3 ލަނޑު އެއް ލަނޑުންނެވެ. މިއީ އެންމެފަހުން ކޮޕާ އިޓާލިއާގެ ކްއާޓަރ ފައިނަލްގައި އެޓަލާންޓާ އަތުން ބަލިވި ބަލިވުމަށް ލާޒިއޯއަށް ހިފި ރަނގަޅު ބަދަލު ހިފުމެކެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 3 ވަނަ މިނެޓްގައި ޖަހައިދިނީ ލާޒިއޯގެ އެޑަމް މަރުސިޗްއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ދެ ޓީމުންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތު ތަނަވަސް ކޮށްފައެވެ. މިމެޗްގައި ލާޒިއޯއިން އެޓީމްގެ ދެވަނަ ލަނޑު ޖެހީ މެޗްގެ 51 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހޯކިމް ކޯރެއާއެވެ. މިމެޗްގައި އެޓަލާންޓާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 79 ވަނަ މިނެޓްގައި ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ މާރިއޯ ޕަސަލިޗްއެވެ. ނަމަވެސް މިލަނޑު ޖެހިތާ 3 މިނެޓްފަހުން ލާޒިއޯއިންވަނީ އެޓީމްގެ ފަހު ލަނޑު ޖަހާ އަލުން ދެ ގޯލްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ވެދާޓް މުރިގީއެވެ.

މިދެޓީމްވަނީ ކޮޕާ އިޓާލިއާގެ ކްއާޓަރ ފައިނަލްގައި މިދިޔަ ބުދަދުވަހުވެސް ބައްދަލުކޮށްފައެވެ. އެމެޗް 3 ލަނޑު 2 ލަނޑުން ކާމިޔާބުކޮށް ސެމީފައިނަލުން ޖާގަހޯދީ އެޓަލާންޓާއެވެ. މިކާމިޔާބީއާއެކު ލާޒިއޯވަނީ 20 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު އެޓަލާންޓާ ފަހަތަށް ޖައްސާލާ ތާވަލްގެ 6 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އެޓަލާންޓާ އުޅެނީ 20 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ.