ކުޅިވަރު

އިންޑިއާނާ ޕޭސަރސްއާ ބައްދަލުކޮށް ސިކްސަރސް މެޗު ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައ ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް ސިކްސަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ސިކްސަރސް ކާމިޔާބުކުރީ 119 ޕޮއިންޓް 110 ޕޮއިންޓުންނެވެ.

ފޯރިގަދަ ކުޅުމެއް ދެޓީމްގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗްގެ ހަތަރު ވަނަ ކްއާޓާރގެ ކުރީ ކޮޅު ސިކްސަރސް އޮތީ 16 ޕޮއިންޓުން ފަހަތުގައެވެ. ނަމަވެސް މި ކްއާޓަރގައި ސިކްސަރސްއިން ހޯދި 37 ޕޮއިންޓާއެކު މެޗް އެޓީމް ކޮޅަށް އެނބުރިގެން ދިޔައީއެވެ. މިމެޗްގައި ސިކްސަރސްއަށް އެންމެ ރަގަޅު ކުޅުމެއް ދައްކައިދިނީ 27 ޕޮއިންޓް ހޯދައިދިން ޓޯބިއަސް ހެރިސްއެވެ. އަދި ފަރކަން ކޯކްމާޒްވަނީ 17 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ. މިމެޗްގައި ސިކްސަރސްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ޖޮއެލް އެމްބިޑް އަނިޔާގެ ސަބަބުން ނުކުޅެއެވެ. މިމެޗްގައި ޕޭސަރސްއަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދާދިން މެލްކޮމް ބްރޮގްޑަންއެވެ.

މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު އެންމެ ހައިރާން ކުރުވަނިވި ނަތީޖާއެއް ނުކުތީ ވޮޝިންގޓަން ވިޒަޑްސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރިމެޗުގައެވެ. މިމެޗް ގިނަ ބަޔަކު ހީކުރި ގޮތާއި ހިލާފަށް 149 ޕޮއިންޓް 146 ޕޮއިންޓުން ކާމިޔާބުކުރީ ވިޒަޑްސްއެވެ. މިމެޗްގެ ހަތަރު ވަނަ ކްއާޓަރ ނިމެން 8.1 ސިކުންތައް ވީއިރު 146 ޕޮއިންޓް 141 ޕޮއިންޓުން ކުރީގައި އޮތީ ނެޓްސްއެވެ. ނަމަވެސް އެ އަށް ސިކުންތުގެ ތެރޭގައި ވިޒަޑްސްގެ ބްރެޑްލީ ބީލް އާއި ރަސެލް ވެސްޓްވުޓް އެޅި ދެ ތްރީ ޕޮއިންޓަރއިން މެޗް ވިޒަޑްސް ކޮޅަށް އަނބުރާލިއެވެ. މިމެޗްގައި ވެސްޓްބްރޫކްވަނީ ވިޒަޑްސްއަށް 41 ޕޮއިންްޓް ހޯދައިދީ 10 ރީބައުންޑް ނަގާ އަށް އެސިސްޓް ކޮށްފައެވެ. އަދި އެން.ބީ.އޭ. ގައި ސްކޯރިންގ ގެ އެންމެ ކުރީގައި އުޅޭ ބީލްވަނީ 37 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ. މިމެޗްގައި ނެޓްސްއަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ 37 ޕޮއިންޓް ހޯދައިދިން ކެވިން ޑުރާންޓްއެވެ. މިމެޗްގައި ނެޓްސްއާ އަލަށް ގުޅުނު ޖޭމްސް ހާޑެން އަނިޔާގެ ސަބަބުން ނުކުޅެއެވެ.