މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ. ފުލުހުން ވިދާޅުވީ މި މާރާމާރީ ހިނގާފައިވަނީ މިރޭ 21:15 އެހާކަންހާއިރު މާފަންނު އަސަރީ ހިނގުމުގައިކަމަށެވެ. އަދި މި މާރާމާރީގައި އަނިޔާވެފައިވަނީ 36 އަހަރުގެ ފިރިހެނަކަށް ކަމަށާއި އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންނަމަވެސް އޭނާއަށް ބޮޑު ޒަހަމްތަކެއް ލިބިފައިނުވާކަމަށް މައުލޫމާތުލިބެއެވެ.
މީގެއިތުރުން މިރޭ 19:35 އެހާކަންހާއިރު އިތުރު މާރާމާރީއެއް ހިނގާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މި މާރާމާރީ ހިނގާފައިވަނީ ސަލްމާން މިސްކިތް ކައިރީ އޮންނަ ޓާފު ދަނޑުގެ ތެރޭގައިކަމަށް ފުލުހުން ވިދާޅުވެއެވެ. މި މާރާމާރީގެ އެއްވެސް ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
މިރޭ ހިނގި ދެ މާރާމާރީ އަކީ ގުޅުން ހުރި ދެ ހަމަލާކަމެއް އަދި ސާފެއް ނުވެއެވެ.