ސިޔާސީ

ފުލުހުން މިއަދުވެސް ބައެއް ގެތައް ބަލައި ފާސްކޮށްފި


ރިޔާސީ ލޯންޗްކޮޅުގައި ހިނގި ހާދިސާގެ ތަހުގީގަށް މިއަދުވެސް ބައެއް ގެތަށް ފާސްކޮށް ތަހުގީގަށް ބޭނުންވާ ސާމާނު ފުލުހުން ހޯދައިފިއެވެ. އެގޮތުން ފުލުހުން މިއަދުވަނީ، މ. ސެސްނާ، މއ. ޒުއްރިޔާނު މާގެ އަދި، ގ. އޮއިވާލިގެ އާއި ގ. ހުމަށި ބަލާފާސްކޮށް ބައެއް ސާމާނު ހޯދާފައެވެ.

 މއ. ޒުއްރިޔާނުމާގެ ހަތަރު ގަޑިއެއްހާއިރު ބަލާ ފާސްކުރުމަށްފަހު ބަންދުކުރެވިފައިވާ ބައެއް ސާމާނު ނެރެފައިވާކަމަށް ފުލުހުންބުނެއެވެ. މީގެ އިތުރުން ގ. އޮއިވާލިގެއިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.  މީގެތެރެއިން ބައެއް  ތަން ތަން ބަލާ ފާސްކުރުމުގައި ފުލުހުންނާއެކު ސިފައިންގެ ސްޕެޝަލް ފޯސްގެ އޮފިސަރުންވެސް ބައިވެރިވެއެވެ.

ޕީ.އެސް.އެމް އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރިޔާސީ ލޯންޗްކޮޅުގައި ހިނގި ހާދިސާއާއި ގުޅިގެން ބަލާ ފާސްކުރަންޖެހޭ ތަންތަން ބަލައި ފާސްކުރުމާއި،  އެމައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ ފަރާތްތައް މިއަދުގެ އެކި ވަގުތުތަކުގައި ހައްޔަރުކުރަމުންދާކަމަށެވެ. ނަމަވެސް އެއީ ކިތައް މީހުންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.