ކުޅިވަރު

ޑެޓްރޮއިޓް ޕިސްޓަންސް އާ ބައްދަލުކޮށް ވޮރިއަރސް މެޗުކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް ވޮރިއަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ވޮރިއަރސް ކާމިޔާބުކުރީ 118 ޕޮއިންޓް 91 ޕޮއިންޓުންނެވެ.

މިމެޗްގައި ވޮރިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ ސްޓެފަން ކަރީއެވެ. އޭނާ ވަނީ އެޓީމަށް 28 ޕޮއިންޓް ހޯދާދީފައެވެ. އަދި އެންޑްރޫ ވިގިންސްވަނީ 20 ޕޮއިންޓް ވޮރިއަރސްއަށް ހޯދާދީފައެވެ. މިމެޗްގައި ޕިސްޓަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ 18 ޕޮއިންޓް ހޯދާދިން ޖެރެމީ ގްރާންޓްއެވެ.

މިމުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ލޮސްއެންޖަލިސް ލޭކަރސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް 96 ޕޮއިންޓް 95 ޕޮއިންޓްގެ ކުޑަ ތަފާތަކުން ކާމިޔާބުކުރީ ލޭކަރސްއެވެ. މިމެޗްގައި ލޭކަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދައިދިން އެންތަނީ ޑޭވިސްއެވެ. އަދި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދާދިން ދޭސަން ޓަޓުމްއެވެ.