ސިޔާސީ

ސަރުކާރަށް އެއްވެސް ބައެއްގެ ނުފޫޒެއް ނެތް- މިނިސްޓަރ މުޢިއްޒު


ރައީސުލްޖުމްހޫރިއްޔާ
އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ހަމަލާއަށް ފަހު ސަރުކާރުގެ ބައެއް
މަޤާމްތަކަށް ގެންނަވަމުންދާ ބަދަލުތަކަކީ، އެއްވެސް ނުފޫޒެއް ކުރިމަތިވެގެން ގެންނަވާ
ބަދަލުތަކެއް ނޫންކަމަށާއި، އެއީ ރައީސް އަބްދުﷲ ޔާމީން ދުރާލާ ދިރާސާތަކެއް
ކުރެއްވުމަށްފަހު ސަރުކާރު ހަރުދަނާކުރެއްވުމަށް ގެންނަވާ ބަދަލުތަކެއްކަމަށް
ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިހެން
ވިދާޅުވީ ޓީވީއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރުގެ
ހިންގުން ހަރުދަނާކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން
ސަރުކާރުގެ މަގާމްތަކަށް ގެންނަވަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ވާހަކަފުޅު
ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، ގައުމު
ހިންގެވުމުގެ ކަންތައް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ހަރުދަނާކަމާއި
ކެތްތެރިކަމާއި ހިކުމަތްތެރިކަމާއި އެކުކަމަށެވެ. އެއީ ސަރުކާރު ހަރުދަނާކުރުމަށް
ކޮންމެހެން އަޅުއްވަން ޖެހޭކަމަށް ފެނިވަޑައިގެން، ގައުމުގެ މުސްތަގުބަލާއި
ކުރިއެރުމަށްޓަކައި އަޅުއްވަމުން ގެންދަވާ ފިޔަވޅުތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި އެއީ އެއްވެސް ނުފޫޒެއް ކުރިމަތިވެގެން ގެންނަވާ ބަދަލުތަކެއް ނޫންކަން
ފާހަގަކުރައްވާ މިނިސްޓަރ މުއިއްޒު ވިދާޅުވީ، އެއީ އެއީ ކުއްލިއަކަށް ގެންނަވާ
ބަދަލުތަކެއްވެސް ނޫންކަމަށާއި، ދުރާލާ ވަރަށް ގިނަ ދުވަހު ދިރާސާތަކެއް ކުރެއްވުމަށްފަހު
ގެންނަވާ ބަދަލުތަކެއްްކަމަށެވެ. 



ސަރުކާރުގެ
ރަސްމީ ގަޑީއަށް ބަދަލު ގެނައުމަކީވެސް ކުއްލިއަކަށް ރައީސް ނިންމެވި ނިންމުމެއް
ނޫންކަމަށައި،  އެއީ ރިޔާސީ ލޯންޗުގައި އެއްޗެއް
ގޮއްވާލި ހާދިސާއާއި ގުޅިގެން ގެންނެވި ބަދަލެއްވެސް ނޫންކަމަށް މިނިސްޓަރ
ވިދާޅުވިއެވެ. އެނިންމެވުމަކީ ގިނަ ވަގުތު އޮފީސްތައް ހުޅުވާފައި ބެހެއްޓުމުން
ދައުލަތުގެ ރިކަރަންޓު ހަރަދު ބޮޑުވެގެންދާތީ އިޤްތިޞާދީ ވިސްނުންފުޅެއްގައި
އެރުއްވި ހަރުދަނާ ފިޔަވަޅެއްކަމަށް ވިދާޅުވއެވެި. މިނިސްޓަރ މުއިއްޒު ވިދާޅުވިގޮތުގައި
ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ދޭ ހަމަލާއަކީ ސިޔާސީ ވިސްނުމެއްގައި މެނުވީ
ދޭނެ ހަމަލާއެއް ނޫންކަމަށެވެ. މި ޕްރޮގްރާމްގައި ތުލުސްދޫ ދާއިރާގެ މެމްބަރު
މުހައްމަދު ވަހީދު އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި  ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރީޓީ
ކަށަވަރުކުރުމަކީ އެ ޒިންމާ އަދާކުރުމަށް ހަވާލުކޮށްފައިވާ ބައެއްގެ މައްޗަށް
ލާޒިމުކަމެއްކަމަށާއި، މިހަމަލާއަށްފަހު އޭގެ ފަހަތުގައި ތިބި އެއްވެސް މީހަކަށް
އެއްވެސް ދުލެއް ދެވިގެން ނުވާނެކަމަށެވެ. 



މިނިސްޓަރ
މުއިއްޒު ވިދާޅުވީ، ޑިމޮކްރަސީ ރަނގަޅަށް ބިނާވެފައިވާ ގައުމުތަކުގައި ގައުމަށް
ދެރަގޮތެއް ދިމާވުމުން އެންމެން އެއްގަލަކަށް އަރައިގެން މަސައްކަތްކުރާކަމަށާއި، ނަމަވެސް
މިގައުމުގައި މިފެންނަނީ އެއާއި ޚިލާފަށްކަމަށެވެ. ރާއްޖޭގެ އިދިކޮޅު ފަރާތްތައް
ފެންނަނީ ގައުމުގެ ހަަމަޖެހުން ނައްތާލައި ގައުމުގެ އަމާންކަން ނަގާލުމަށް
މަސައްކަތްކުރާ ބައެއްގެ ގޮތުގައިކަމަށް މިނިސްޓަރ މުއިއްޒު ސިފަކުރެއްވިއެވެ.