ޚަބަރު

އަދާލަތު ޕާޓީގެ ރައީސަކަށް ޝައިޚު އިމްރާން އަބްދުﷲ އިންތިޚާބު ކޮށްފި


އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް 3 ވަނަ ދައުރަކަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އިންތިޚާބު ވެއްޖެއެވެ.

މިއަދު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި އެމަނިކުފާނުގެ ރަނިންމޭޓް އަޙްމަދު ޝަރީފަށް 921 ވޯޓު ލިބިވަޑައިގެންފައިވެއެވެ. މިއީ ވޯޓު ލީމީހުންގެ ނިސްބަތުން ބަލާނަމަ 84.65 އިންސައްތަ ވޯޓެވެ. ޝައިޚް އިމްރާނަކީ މިހާރުވެސް އަދާލަތު ޕާޓީގެ ރައީސެވެ.

މި އިންތިޚާބުގައި ވާދަކުރެއްވި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުއާއި ރަނިންގ މޭޓް އަޙްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 167 ވޯޓެވެ. މިއީ ނިސްބަތުން ބަލާނަމަ 15.35 އިންސައްތަ ވޯޓެވެ.

އޮންލައިންކޮށް ކުރިއަށްދިޔަ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 6866 މީހުންގެ ތެރެއިން ވޯޓުގައި ބައިވެރިވެފައިވަނީ 23.88 އިންސައްތަ މީހުންނެވެ. މިއިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރާނީ 5 ދުވަސް ފަހުންނެވެ.

ޢަދާލަތު ޕާޓީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހެދުމުގެ ހުއްދަ ދޫކުރަން ފެށިފަހުން 3 ވަނަ އަށް އުފެދުނު ޕާޓީއެވެ. ޢަދާލަތު ޕާޓީ ރަޖިސްޓްރީކޮށްފައިވަނީ 18 އޯގަސްޓް 2005 ގައެވެ. އިލެކްޝަންސް ކޮމިޝަނުގެ ޕާޓީތަކުގެ ދަފްތަރު ދައްކާގޮތުން 30 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ޢަދާލަތު ޕާޓީގައި ތިބީ 6436 މެންބަރުންނެވެ.