ޚަބަރު

ޖޮންސަން އެންޑް ޖޮންސަން ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 66 އިންސައްތަ


ކޯވިޑް-19އާއި ދެކޮޅަށް ޖޮންސަން އެންޑް ޖޮންސަން ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 66 އިންސައްތަކަމަށް އެ ކުންފުނިން ބުނެފިއެވެ.

ކޯވިޑް-19އާއި ދެކޮޅަށް އުފައްދާފައިވާ އެހެން ވެކްސިންތަކާއި ޚިލާފަށް ޖޮންސަން އެންޑް ޖޮންސަންގެ ވެކްސިންގައި ހިމެނެނީ އެންމެ ޑޯޒްއެކެވެ. އެ ވެކްސިންވަނީ 44،000 މީހުންގެ މެދުގައި ތަހުލީލުކޮށްފައެވެ. އެގޮތުން އެމެރިކާގައި ކުރިއަށްގެންދިޔަ ތަހުލީލުތަކުގެ ނަތީޖާއިން ދެއްކިގޮތުގައި އެ ވެކްސިން ކާމިޔާބުވެފައިވަނީ 72 އިންސައްތައަށެވެ. ލެޓިން އެމެރިކާގައި ކުރިއަށް ގެންދިޔަ ތަހުލީލުތަކުގައި ކާމިޔާބީގެ ނިސްބަތް 66 އިންސައްތައިގައި ހުރިއިިރު ވައިރަހުގެ ނުރައްކާތެރި އައު ވައްތަރެއް ފެތުރެމުންދާ ދެކުނު އެފުރިކާގައި ވެކްސިންގެ ކާމިޔާބީގެ ނިސްބަތްހުރީ 57 އިންސައްތައިގައެވެ.

މީގެ ކުރިން ހުއްދަ ދީފައިވާ ފައިޒާއާއި ބަޔޯއެންޓެކުގެ ވެކްސިނާއި، މޮޑާނާގެ ދެ ޑޯޒް ހިމެނޭ ދެ ވެކްސިންގެ ކާމިޔާބީގެ ނިސްބަތްހުރީ 95 އިންސައްތައާއި ގާތްކުރާ ނިސްބަތަކަށެވެ. ނަމަވެސް އެ ވެކްސިންތަކުގެ ތަހުލީލުތައް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގައެވެ. އަދި އެ ވެކްސިންތައް ތަހުލީލުކޮށްފައިވަނީ ވައިރަހުގެ އައު ވައްތަރުތައް ފެތުރެން ފެށުމުގެ ކުރިންނެވެ.

ޖޮންސަން އެންޑް ޖޮންސަންއިން ވެކްސިން ތައްޔާރުކުރުމުގައި އަމާޒުކޮށްފައިވަނީ ކޯވިޑް-19 ޖެހުމުން ބަލި ޙާލަތު ބޮޑުވުމުން ދުރުހެލިކުރުމަށެވެ. ތަހުލީލުތަކުގެ ނަތީޖާއިން ދެއްކި ގޮތުގައި ބަލިޖެހުމުން ޙާލު ދެރަވުން ހުއްޓުވުމާއި ހަސްފަތާލުގައި ފަރުވާދިނުން ހުއްޓުވުމުގައި އެ ވެކްސިނުންވަނީ 85 އިންސައްތައަށް ކާމިޔާބުވެފައެވެ. އެ ނަތީޖާއަކީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި އަދި ވައިރަހުގެ އެކި ވައްތަރުތަކާއި ދެކޮޅަށް ވެކްސިން ތަހުލީލުކޮށްގެން ލިބުނު ނަތީޖާއެވެ. އެ ނަތީޖާ ޙާޞިލްވެފައިވަނީ ވެކްސިން ދިނުމުގެ 28 ދުވަހުގެ ތެރޭގައެވެ. ތަހުލީލުގެ ނަތީޖާ ލިބިފައިވަނީ ބަލީގެ އަލާމާތްތައް ފެނިފައިވާ 468 މީހުންގެ މެދުގައި ދިރާސާކޮށްގެންނެވެ.

ޖޮންސަން އެންޑް ޖޮންސަންގެ ޗީފް ސައިންޓިފިކް އޮފިސަރ، ޕޯލް ސްޓޮފެލްސް ވިދާޅުވީ އެ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިންގެ ސަބަބުން ބަލިޖެހޭ އެތައް މިލިއަން މީހުންގެ ޙާލަތު ގޯސްވިޔަ ނުދިނުމަށް މަގުފަހިކޮށްދޭނެކަމަށެވެ.

ޖޮންސަން އެންޑް ޖޮންސަނުން ބުނީ ކުއްލި ޙާލަތުގައި އެ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް އަންނަ ހަފުތާގެ ތެރޭގައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި އެދޭނެކަމަށެވެ. އެ ކުންފުނިންވަނީ މި އަހަރުގެ ތެރޭގައި ވެކްސިންގެ އެއް ބިލިއަން ޑޯޒް ތައްޔާރުކޮށް ސަރަޙައްދުތަކަށް ފޮނުވުމަށް ރާވާފައެވެ. އެ ވެކްސިން ބާޒާރަށް ނެރުމަށް ތައްޔާރުކުރާނީ އެމެރިކާއާއި ވިލާތާއި ދެކުނު އެފުރިކާއާއި އިންޑިޔާގައެވެ.