ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ.
މާދަމާ 14:00އަށް ކްރިމިނަލް ކޮޓުގައި ތާވަލްކޮށްފައިވާ މި އަޑުއެހުމަކީ ރައީސް ޔާމީން ދަޢުވާއަށް ޖަވާބުދާރީވުމަށް ބާއްވާ އަޑުއެހުމެކެވެ.
މަނީލޯންޑްރިންގ ކުށް ސާބިތުވެ، މިހާރުވެސް 5 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުންދާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ، މަނީ ލޯންޑްރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއެކެވެ. މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށު ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގައިއެވެ. ޔާމީންގެ އިތުރުން މިމައްސަލައިގައި މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.
މިމައްސަލަތަކަކީ ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުޤީޤްކޮށްފައިވާ މައްސަލަތަކެކެވެ.