ޚަބަރު

ކޯވިޑުން އަރައިގަތުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅު ރައްޔިތުން ވަނީ ބަލައިގެންފައި: ޝާހިދު


ކޯވިޑް-19އިން އަރައިގަތުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ބެއްލެވުމުގެ ދަށުން ސަރުކާރުން ކުރައްވާ މަސައްކަތްތައް ރައްޔިތުން ބަލައިގަނެފައިވާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ މިހެން ވިދާޅުވީ ވ. ކެޔޮދޫގައި ފުލުހުންގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކެޔޮދޫގައި ފުލުހުންގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެދާއިރާގެ ކުރީގެ މެމްބަރުކަންވެސް ކުރައްވާފައިވާ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ ފާއިތުވި އަހަރަކީ ރާއްޖެއަށް ތަދު އަދި ހިތްދަތިކަން އިންތިހާއަށް ތަހައްމަލުކުރި އަހަރެއްކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ރައްޔިތުން ބަންދުވެ ތިބެން ޖެހުނުކަމަށާއި، ނަމަވެސް މިހާރު އެހާލަތުން އަރައިގަނެވި ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވަމުންދާއިރު އެކަމުގެ ހެޔޮ ނަތީޖާ ފެންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދޮރުތައްހުޅުވާލެވި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ރާއްޖެއަށް މިސްރާބު ޖަހާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގައި އެންމެ ގިނަ މީހުން އަންނަން ބޭނުންވާ މަންޒިލެއް ކަމުގައި ރާއްޖެ ހިމެނިގެންދިޔަކަމަށް ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އެގޮތަށް އެކަން ވެގެން ދިޔައީ ރާއްޖޭގެ ރައްޔިތުން ސަރުކާރުގެ އިރުޝާދުތަކަށް އިހްތިރާމްކޮށް، ބޯ ލަނބަމުން ގެންދިއުމުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މިދިޔަ އަހުރުގެ ޖެނުއަރީމަހުގެ ތެރޭގައި ކޯވިޑްގެ ވަބާ ދުނިޔެއަށް ފެތުރިގެންދާން ފެށުމާއެކު ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން މަސައްކަތްކުރާނެ ޓީމެއް އެކުލަވާލެއްވިކަމަށާއި، އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން އެކޮމިޓީގެ މަސައްކަތްތައް ހިންގަވަން ފެއްޓެވިކަމަށެވެ. އެގޮތުން ކޯވިޑުން ރައްކާތެރިވެ ރާއްޖޭގެ ޙާލަތު ރަނގަޅުކުރުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރައްވަމުން ގެންދެވިކަމަށާއި، ސަރުކާރުން ނެރެން ޖެހޭ އިރުޝާދުތައް ނެރުއްވުމުގައި އެމަނިކުފާނު ސާބިތުވެ ހުންނެވިކަމަށް މިނިސްޓަރ ވިދަޅުވިއެވެ. އަދި އޭގެ ނަތީޖާއަކީ ރާއްޖޭގެ ރައްޔިތުން އެމަސައްކަތްތައް ބަލައިގަތުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ހަމަކޮންމެ ރެއަކު، ހަމަކޮންމެ ރެއަކު އެމަނިކުފާނު އެކޮމިޓީގެ ރިޔާސަތު ބަލަހައްޓަވައި، ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ޙާލަތަކީ ކޮބައިތޯ، ކަންކަން ހުރީ ކިހިނެއްތޯ، ކާބޯތަކެތީގެ ކަންތައްތައް ކިހިނެއްތޯ، ދަތުރުފަތުރުގެ ކަންތައްތައް ކިހިނެއްތޯ، ބޭހުގެ ކަންތައް ކިހިނެއްތޯ، މިހިރަ ހުރިހާ ކަމެއް ބައްލަވަމުން ގެންދެވި. އަތަށް ލައްވާ އަންގި އެބަހުރިތޯ، އަނގަމަތީގައި އަޅާނެ މާސް އެބަހުރިތޯ، ރާއްޖޭއަށް ކިހާވަރެއްތޯ ބޭނުންވަނީ... މިހިރަ ހުރިހާ ކަމެއް ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ގެންދެވީ. އަދި ސަރުކާރުން ނެރެން ޖެހޭ އިރުޝާދުތައް ނެރުއްވުމުގައި އެމަނިކުފާނު ސާބިތުވެ ހުންނެވީ. ނަތީޖާ އަކީ ކޮބައިތޯ؟ ނަތީޖާއަކީ ރާއްޖޭގެ ރައްޔިތުން އެކަން ބަލައިގެންފި. އެއީ ސީދާ ވެރިމީހާ އެކަމުގައި އިސްވެ ހުންނަތަން، ސާބިތުވެ ހުންނެވިތަން، ފެނުނީމަ ރައްޔިތުން ބަލައިގަތީ." ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ހުއްޓި، އެންމެ ދަތިވި ދުވަސްވަރުވެސް އެއްވެސް ރައްޔިތަކަށް ބަނޑުހައިހޫނުކަމުގެ ހިތްދަތިކަން ތަހައްމަލުކުރަން ނުޖެހި، އަސާސީ ބޭސްފަރުވާއަށް ނުޖެހި، ބޭނުންވި ހުރިހާ ކަމެއް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ކޮށްދެއްވާފައިވާކަމަށެވެ.

"ރައްޔިތުން އެކަން ބަލައިގަތުމުގެ ނަތީޖާއަކަށްވީ ދުނިޔޭގެ ބައެއް ގައުމުތަކާ ތަފާތުކޮށް ރާއްޖެއަކީ އަޅުގަނޑަށްވުރެ މާ ރަނގަޅަށް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ބޮލުގަ ޖަހާ ދަތިން ފެށިގެން ކާ މޭޒުމަތީގައި އޮންނަ ބަތްފުކާ ހަމަޔަށް، އަރައިގެން ހުންނަ ފައިވާނުން ފެށިގެން އެތެރެހައްޓަށް ބޭނުންވާ ހުރިހާ ބޭހުގެ ސާމާނު ބޭރުން ގެނެސްގެން އުޅޭ ބައެއް. އެ އެއްޗެހި ހޯދަން މި އޮންނަނީ ފަތުރުވެރިކަމުގެ ދާއިރާއިންނާއި މަސްވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީއެއްގެ ތެރެއިން. އެ ލިބޭނެ މަގު ބަންދުވެފައި އޮތް ދުވަސްރެއްގައިވެސް – މި ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކަށް ބަނޑުހައިހޫނުކަމުގެ ހިތްދަތިކަން ތަހައްމަލުކުރަން ނުޖެހި، އަސާސީ ބޭސްފަރުވާއަށް ނުޖެހި، ބޭނުންވި ހުރިހާ ކަމެއް ﷲގެ ހެޔޮ ރަހުމަތްފުޅާއެކު ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ވަނީ ކޮށްދެއްވާފައި. އެއީ އެކުގައި، ގުޅިގެން މަސައްކަތްކުރީމާ ނިކުންނާނެ ހެޔޮ ނަތީޖާ." ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ކޯވިޑްގެ ތެރޭގައި ރައްޔިތުންނަށް ފުލުހުން ފޯރުކޯށްދެމުންދާ ޚިދުމަތުގެ ހަނދާންތައް އައުކުރައްވާ ވިދާޅުވީ، ފުލުހުން ވަނީ ދިމާވާ ކޮންމެދަތި ކަމެއްގައި ނުވަތަ ހާލާތެއްގައި އަމިއްލަ ނަފްސާއި ފުރާނައަށް ބެލުމެއް ނެތި ރައްޔިތުންގެ ހައްގުގައި ނުކުތުމަށް ހުވާކޮށްގެން ތިބެ އެކަން ސާބިތުކޮށްދީފައިވާކަމަށެވެ. އަދި މިހާރު މިއޮތް ކޯވިޑްގެ ހާލަތުގައިވެސް ފުލުހުން އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭކަމަށާއި ފުލުހުންވެފައިވާ ގުރުބާނީ އަބަދުވެސް ހަނދާންކުރަންވާނެކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.