ވަޒީފާދޭ ފަރާތުން މުވައްޒަފުން ބަހައްޓާ ތަންތަންނަކީ މިންގަނޑުތަކާއި ޚިލާފު ތަނެއްނަމަ 2000 ރުފިޔާއަށްވުރެ މަދުނޫން ޢަދަދަކުން ޖޫރިމަނާކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނިންމަވައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ އެމިނިސްޓްރީން ގެޒެޓްކޮށްފައިވާ ވަޒީފާދޭ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ ޢާންމު މިންގަނޑުތަކުގެ ގަވާއިދުގައެވެ.
މުވައްޒަފުން ދިރިއުޅުމަށް އެކޮމޮޑޭޝަން ހަމަޖައްސާ ތަންތަނުގެ ޢާންމު މިންގަނޑުތަކުގެ ގަވާއިދަކީ ވަޒީފާދޭ ފަރާތުން މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނާއި އެތަންތަނުގައި ހުރުން ލާޒިމުވާ ކަންކަން ބަޔާންކޮށް ނެރެފައިވާ ޤަވާޢިދެކެވެ.
އެގޮތުން މި ޤަވާޢިދުގެ ދަށުން މުވައްޒަފުން ބޭތިއްބުމަށް ހަމަޖައްސާ ތަންތަން ހުންނަން ވާނީ ވާރެއާއި އަވިން ހިޔާވާ ގޮތަށެވެ. އަދި އެތަންތަނުގެ ޢިމާރާތްކޮށްފައި ހުންނަންވާނީ އެކަށީގެންވާ އާލާތްތައް ބޭނުންކޮށްގެންކަމަށާއި އެތަންތަނުގައި ރަނގަޅު ފިނިހޫނުމިނެއް ހުންނަންވާނެކަމަށްވެސް ޤަވާޢިދުގައި ބުނެފައިވެއެވެ. މީގެއިތުރުން މުވައްޒަފުން ބައިތިއްބާ ތަންތަނާއި އެތަންތަނުގެ ވަށައިގެންވާ ސަރަޙައްދު ހުންނަންވާނީ ކުނިބުނިން ރައްކާތެރި ސާފު ސަރަޙައްދެއްގެ ގޮތުގައިކަމަށްވެސް ޤަވާޢިދުގައިވެއެވެ.
ހަމައެއާއެކު އެފަދަ ތަންތަނުގައި ފޯރުކޮށްދޭ ފެނުގެ ޚިދުމަތް ހުންނަންވާނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޤަބޫލުކުރާ މިންގަނޑުގެ ތެރޭގައިކަމަށްވެސް މިޤަވާއިދުގައިވެއެވެ. މީގެއިތުރުން ސާފުތާހިރުކަމުގެ އެކަށީގެންވާ މިންގަނޑުގެ ނަރުދަމާ ނިޒާމެއް ޤާއިމުކޮށްފައި ހުންނަންވާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީގެ ޤަވާޢިދުގައި ބުނެފައިވެއެވެ.
ތަފާތު މަސައްކަތުގައި ގެންގުޅޭ މުވައްޒަފުންނަށް އަމާޒުކޮށް އިކޮނޮމިކް މިނިސްޓްރީން މިފަދަ މުހިންމު ޤަވާޢިދެއް އެކުލަވާލާފައިވާއިރު، ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން މިހާރު ބައިތިއްބާފައި ތިބެނީ ދިރިއުޅުމަށް އެންމެ އެކަށީގެންވާ ތަންތަނުގައި ނޫންކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
ވަޒީފާދޭ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ ޢާންމު މިންގަނޑުތަކުގެ ގަވާއިދަށް ޢަމަލުކުރުމަށް ހަމަޖެހިފައިވަނީ މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 6 މަސް ދުވަސް ފަހުންނެވެ.