ޚަބަރު

ދަރިމައިވުމުގައި ދިމާވާ ކަންކަމާ ގުޅޭ ގޮތުން އެހީތެރިވުމަށް ޖަމްއިއްޔާއެއް ރަޖިސްޓްރީކޮށްފި


ދަރިމައިވުމުގެ ޞިއްޙަތާ ގުޅޭގޮތުން މައުލޫމާތު ދީ މިކަމުގައި އުނދަގޫތައް ކުރިމަތިވާ ފަރާތްތަކަށް އެހީވުމަށް "ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ"ގެ ނަމުގައި ޖަމްޢިއްޔާއެއް ރަޖިސްޓްރީކޮށްފިއެވެ.

މިޖަމްޢިއްޔާގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާއި ގުޅޭގޮތުން ސައްހަ މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރި ޕްރޮގްރާމް ހިންގާ އަދި ދަރިމައިވުމުގެ އުނދަގޫތައް ތަހައްމަލު ކުރާ ފަރާތްތަކަށް ހިތްވަރުދިނުމަށް ސަޕޯޓު ގްރޫޕް ހިންގުމާއެކު އެފަރާތްތަކުގެ ޙައްޤުތަކަށް އުނިކަން އަންނަ ހިނދު އެޙައްޤުތައް ކަށަވަރު ކުރުމަށް މަސައްކަތްކޮށްދީ ބޭނުންވާ އެހީތެރިކަން ފޯރުވައިދިނުމެވެ. އެގޮތުން ސަޕޯޓް ގްރޫޕތައް މެދުވެރިކޮށް އެފަރާތްތަކުގެ ހައްޤުތައް ކަށަވަރުކޮށްދިނުމަކީ މި ޖަމްޢިއްޔާގެ އަމާޒެކެވެ.

މި ޖަމިއްޔާގެ ފައުންޑަރ މެންބަރުންނަކީ އާޝާ ހުސެއިން އާއި ހައްވާ އިހުސާނާއެވެ. އަދި ޖަމްޢިއްޔާގެ ނައިބު ރައީސްއަކީ މަރިޔަމް ޝާނީޒް އެވެ. މީގެއިތުރުން އެގްޒެކެޓިވް ސެކްރެޓަރީއަކީ ފައިހާ ފަހީމް އަދި ޓްރެޝަރަރ އެއްގެ ގޮތުން މަސައްކަތް ކުރާނީ ރީމާ ހުސެއިންއެވެ. މި ޖަމްޢިއްޔާގެ އެންމެހާ ހަރަކާތްތައް ހިންގުމަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއިން ވަނީ ތަފާތު އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުން ހިމެނޭ އެގްޒެކެޓިވް ޓީމެއް އެކުލަވާލާފައެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ނަމުގައި ޖަމްޢިއްޔާ ރަޖިސްޓްރީ ކުރުމުގެ ކުރިންވެސް މިޖަމްޢިއްޔާގައި ހަރަކާތްތެރިވަމުންދާ މެންބަރުން އައީ ދަރިމައިވުމުގައި ދަތި އުނދަގޫތަކާއި ކުރިމަތިވާ ފަރާތްތަކަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޖަމްޢިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ބޭނުމަކީ މަސައްކަތް އިތުރަށް ފުޅާކޮށް ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތަށް ހުރި ދަތިތައް ތަހައްމަލް ކުރާ މީހުންގެ ވާހަކަތައް ކަމާ ގުޅޭ ޕްލެޓްފޯމްތަކަށް ގެނައުންކަމަށް އެޖަމްއިއްޔާއިން ބުނެއެވެ. ހަމައެއާއެކު ބޭސްފަރުވާ އަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން އެކި އެކި ފަރުވާ ހޯދަންވާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދައި ދިނުމަށް ފަންޑު ހޯދާދިނުމަށް ފަންޑަރައިސިން ކުރުންވެސް ޖަމްއިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ.

ފާޓިލިޓީ ކޮމިއުނިޓީއިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ މަޢުލޫމާތު ފޯރުކޮށްދީ މީހުން ހޭލުންތެރި ކުރުމުގެ ސެޝަންތަކެއް ކުރިޔަށް ގެންގޮސްފައެވެ. އަދި ކޯވިޑް ބަލިމަޑުކަމާ ގުޅިގެންވެސް އެޖަމްއިއްޔާއިންވަނީ އޮންލައިންކޮށް ސަޕޯޓް ސެޝަންތައް ކުރިއަށް ގެންގޮސްފައެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން ދަނީ ރާއްޖޭގައި ދަރިމައިވުމަށް ހުރި ހުރަސްތަކަކީ ކޮބައިކަން ބަލައި ދިރާސާއެއް ހެދުމުގެ މަސައްކަތްކުރަމުންނެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއިން ބުނާ ގޮތުގައި މި ޖަމްޢިއްޔާގެ މެންބަރަކަށްވުމުގެ ފުރުޞަތު ކޮންމެ ދިވެހި ރައްޔިތަކަށްވެސް ވަނީ ހުޅުވާލާފައެވެ. އަދި މަޢުލޫމާތު ފޯރުކޮށްދޭ ސެޝަންތަކުގައި އެޖަމްޢިއްޔާގެ ސޯޝަލް މީޑިޔާގެ އެކައުންޓްތައް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށްވެސް އެޖަމްޢިއްޔާއިން ބުނެއެވެ.