ކުޅިވަރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް: މެދުވަލު އެފްސީ ބަލިކޮށް ފޭދޫ ސްޕޯޓްސް ގްރޫޕުގެ އެއްވަނައަށް


އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020 މެދުވަލު އެފްސީ ބަލިކޮށް ފޭދޫ ސްޕޯޓްސް ގްރޫޕުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ފޭދޫ ސްޕޯޓްސް އާއި މެދުވަލު އެފްސީ ބައްދަލު ކުރި މެޗު ފޭދޫ ސްޕޯޓްސް އިން ގެންދިޔައީ، 2-3 ލަަނޑުންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު، ފޭދޫ ޓީމުން މެޗުގެ ވަރަށް ކުރީ ކޮޅު މެޗުގެ ލީޑު ނެގިއެވެ. އެގޮތުން މެޗުގެ 8 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހާދިނީ ފޭދޫ ޓީމުގެ އަލީ ނާފިއުއެވެ. ނާފިއު މިލަނޑާއެކު ފުރަތަމަ ހާފުގައި މިނަތީޖާ ހިފަހައްޓައިގެން ފޭދޫ ޓީމު ކުޅުނެވެ. އެގޮތުން ފުރަތަމަ ހާފު ނިންމާލީ އިތުރު ލަނޑެއް ދެޓީމުން ކުރެ ޓީމަކަށް ކާމިޔާބު ނުކުރެވިއެވެ.

މެޗުގެ ދެވަނަ ހާފުވެސް ފެށިގެން މާގިނަ އިރު ތަކެއް ނުވެ ފޭދޫ ޓީމުން ލީޑު ފުޅާ ކުރިއެވެ. މި ލަނޑު އެޓީމަށް ޖަހާ ދީފައިވަނީ އެޓީމުގެ އަބްދުﷲ އިމްރާންއެވެ. އިމްރާންގެ މިލަނޑަށް ފަހު މެދުވަލު އެފްސީން ލަނޑު ޖަހަން ކުރަމުން ދިޔަ މަސައްކަތް އިތުރު ކުރިއެވެ. އެގޮތުން މެދުވަލު އެފްސީގެ މުހައްމަދު ރަފާހު ވަނީ 57 ވަނަ މިނެޓާއި 59 ވަނަ މިނެޓުގައި އެޓީމަށް ދެ ލަނޑު ކާމިޔާބު ކޮށްދީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ފޭދޫ ޓީމް މިމެޗުން މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދިން އަބްދުﷲ އިމްރާން އެވެ.

މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ފޭދޫ ޓީމުގެ ކޯޗު އިބްރާހީމް ނިޒާރު ބުނީ މެޗު އެޓީމަށް ދިޔައީ ރަނގަޅަށް ކަމަށާއި ފޭދޫ ޓީމުން ފުރުސަތުގެ ބޭނުން ހިފި ކަމަށެވެ. އޭނާ ބުނީ ޓީމުގައި ކޮންމެވެސް ވަރަކަށް އިންޖަރީގެ މައްސަލަ އުޅޭ ކަމަށެވެ.

" މެޗު ދިޔައީ ރަނގަޅަށް. މެޗުގެ ފުރަތަމަ ހާފުގައިވެސް ފޭދޫ ޓީމު ބޮޑަށް ކުޅުނީ. ބޯލް ޕޮސެޝަންވެސް ބަހައްޓައިގެން ޗާންސްވެސް ކްރިއޭޓު ކުރި. ބައިވަރު ޗާންސް ވެސް ލިބުނު. ފިނިޝިން ފުރަތަމަވެސް ދައްވީ. އެހެން ނޫންނަމަ ފުރަތަމަ ހާފުގައި މެޗު ފޭދޫ ކޮޅަށް ބޮޑަށް އެނބުރުނީސް. ފޭދޫ ޓީމަށް އެންމެ މުހިންމު ކުޅުންތެރިއާ މިހާރުވެސް ހުރީ އިންޖަރީގައި. މިމެޗުގައި ނުވެސް ކުޅޭ. ލީރޫ އާއި ކަޅޭވެސް އިންޖަރީގައި. އެހެންވީމަ ފޫބެއްދޭތޯ ބަލާނީ. ފަސޭހައިން ރިޕްލޭސް ނުކުރެވޭނެ." ނިޒާރު ބުންޏެވެ.

މެދުވަލު އެފްސީގެ އެސިސްޓެންޓް ކޯޗު މުހައްމަދު އިހްސާން ނަސީރު ބުނީ، މިމެޗުން ބަލިވި ސަބަބެއް ކަމަށް ޤަބޫލު ކުރެވެނީ ވާރޭވެހި ބޯޅަ ކޮންޓްރޯލް ކުރުން ދައްވުން ކަމަށެވެ. އަދި ދެވަނަ ހާފުގައި ރަނގަަޅަށް ކުޅެވުނު ކަން އޭނާ ފާހަގަ ކުރިއެވެ.

" ވާރޭ ވެހުން، ބޯޅަ ކޮންޓްރޯލިން ދައްވީ. އެހެންވެ ކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ. ފަހު ހާފުގައި އިންޓަވަލް އަށް ފަހު ކިޔައިދީގެން އަލުން މެޗަށް ނިކުތް އިރު ރަނގަޅަށް ކުދިން ކުޅުނު. ދެން މިއޮތީ އަނެއްކާވެސް މަރަދޫ ޓީމާއި އެކު މެޗެއް. އަދި އަމިއްލަ ބާރުގައި ކުރިއަށް ދެވެން އެބައޮތް. އެމެޗު ވަރަށް ފިޒިކަލް މެޗަކަށް ވާނެ." އިހްސާން ބުންޏެވެ.

މިނަތީޖާގެ ސަބަބުން ގްރޫޕް ބީގެ އެއްވަނަ ފޭދޫ ސްޕޯޓްސް ހޯދީ ދެމެޗުން މޮޅުވެގެންނެވެ. އަދި މެދުވަލު އެފްސީ އެއްމެޗުން މޮޅުވެ ދެވަނަ ކަށަވަރު ކުރެއެވެ. މުބާރާތުގައި މިއަދު ބައްދަލު ކުރާނީ ގްރޫޕް އޭ ގެ އެފްސީ އަފިރިން އަދި ފާހި ސްޕޯޓްސް އެވެ.