ކުޅިވަރު

ލިވަޕޫލާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. ޓޮޓްނަމްގެ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ލިވަޕޫލުންވަނީ އެޓީމުން މިދިޔަ ސީޒަންގައި ލީގު ކާމިޔާބުކުރި އިރު ދެއްކި މޮޅު ކުޅުން އަނެއްކާވެސް ދައްކާލާފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓްގައި ޖަހައިދިނި ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯއެވެ. މިއީ ވޭތުވެދިޔަ ފަސް މެޗްގައި ލިޕަޕޫލަށް ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑެވެ. ލިވަޕޫލުން މިމެޗްގެ ދެވަނަ ހާފް ފެށީ ފުރަތަމަ ހާފް ނިންމާލި ފޯރީގައެވެ. މިގޮތުން ދެވަނަ ހާފް ފެށިތާ ދެވަނަ މިނެޓްގައި ޓްރެންޓް އެލެގްޒެންޑަރ އާނޯލްޑް ވަނީ ލަނޑެއް ޖަހާ އެޓީމްގެ ލީޑު ފުޅާ ކޮށްދީފައެވެ. ނަމަވެސް މެޗްގެ 49 ވަނަ މިނެޓްގައި ޕިއޭ އެމީލް ހޮއިބަރގް ވަނީ ލަނޑެއް ޖަހާ ޓޮޓްނަމްއަށް މިމެޗްގައި ކޮންމެވެސް ވަރެއްގެ އުންމީދެއް އާކޮށްދީފައެވެ. މިމެޗްގައި ލިވަޕޫލުން ޖެހި ތިންވަނަ ލަނު މެޗްގެ 65 ވަނަ މިނެޓްގައި ޖަހާދިނީ ސާޑިއޯ މާނޭއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ޓޮޓްނަމްގެ ތަޖްރިބާކާރު ފޯވަޑް ހެރީ ކޭންއަށް ވަނީ އަނިޔާވެފައެވެ. އަދި ކުރިއަށް އޮތް ދެތިން ހަފްތާ ކޭންއަށް ނުކުޅެވިދާނެ ކަމަށް ވަނީ ބެލެވިފައެވެ.

މިކާމޔާބީއާއެކު ލިވަޕޫލް މިހާރުވަނީ ތާވަލްގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ތާވަލްގެ އެއްވަނައިގައި އުޅޭ މެންޗެސްޓަރ ސިޓީއާ ހަތަރު ޕޮއިންޓަށް ގާތްކޮށްފައެވެ. އެއީ ކުޅުނު 20 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކުއެވެ. އަދި މިމެޗުން މޮޅުވި ނަމަ ޓޮޓްނަމްއަށް ވެސް ޕޮއިންޓް ތާވަލްގެ ހަތަރު ވަނައަށް އެރުމުގެ ފުރުސަތު އޮތެވެ. ޓޮޓްނަމްއަށް މިހާރު ލިބިފައިވަނީ 19 މެޗުން 33 ޕޮއިންޓެވެ.