ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރެ، ވިޔަފާރީގެ ދާއިރާއަށް އަހުލުވެރި ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން އަންނަނީ ތަފާތު ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ. އިކޮނޮމިކް މިނިސްޓްރީއިން ހިންގާފައިވާ މިފަދަ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީ މެދުވެރިކޮށެވެ.
އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ މަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއިން މިވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އެންމެ ބޮޑު ބިޒްނަސް ޕިޗް ކޮމްޕެޓިޝަން ބޭއްވުމަށް ތައްޔާރުވާން ފަށާފައެވެ. މިއީ ޒުވާނުންގެ ތެރެއިން ވިޔަފާރިއަށް ޝައުގުވެރިކަން ހުރި ޒުވާނުންނަށް ޚާއްސަކޮށްގެން ހުޅުވާލާ ފުރުސަތެއްކަމަށް ބީސީސީން ވިދާޅުވެއެވެ.
އަދި މިފަދަ ޕްރޮޖެކްޓެއް ހިންގުމުގެ އަމާޒަކީ ކޯވިޑް-19ގެ ހާލަތުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ހިރާސްތައް ނައްތާލައި އިޤްތިޞާދީ ދުވެލި ހަލުވިކުރުން ކަމަށް ޕިޗް ކޮމްޕެޓިޝަން ޕްރޮޖެކްޓްގެ ޑައިރެކްޓަރ ސާމިހް އާދަމް ވިދާޅުވިއެވެ. ޕިޗް ކޮމްޕެޓިޝަން ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު ކުދި ވިޔަފާރިތައް ކުރިއަރުވާ ތަރައްޤީކުރުމަށް މިހާރުވެސް އެކުންފުނިން ދަނީ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންކަން ސާމިހް ފާހަގަކުރެއްވިއެވެ.
"ކޯވިޑްގެ ހާލަތާ ގުޅިގެން އިޤްތިޞާދަށް މިވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައި. އެގޮތުން ބިޒްނަސް ސެންޓަރ އިން ހެދި ބައެއް ދިރާސާތަކުންވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގޮންޖެހުންތަކާއި ކުރިމަތިވެ އެހީތެރިކަމަށް ބޭނުންޖެހިފައިވާކަން އެނގޭ. މިކަންކަމަށް ހައްލު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީންވެސް ވަރަށް ގިނަ ކަންކަން ރާވައި ކުރިޔަށް އެބަ ގެންދޭ." ސާމިހް އާދަމް ވިދާޅުވިއެވެ.
ބީސީސީން ވިދާޅުވާ ގޮތުގައި ޕިޗް ކޮމްޕެޓިޝަންއަކީ ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށް ކުރިޔަށްގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގައި ވަކިވަކިން ނުވަތަ ޓީމެއްގެ ގޮތުގައިވެސް ބައިވެރިވެވޭނެކަމަށް ބީސީސީން ވިދާޅުވެއެވެ. ޕިޗް ކޮމްޕެޓިޝަނުގައި ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ބައިވެރިވެވޭނެއެވެ.
މި ޕްރޮޖެކްޓުގެ ތެރެއިން ތަފާތު ދާއިރާތަކުން ވިޔަފާރީގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. ޕިޗް ކޮމްޕެޓިޝަންގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން 300 ޒުވާނަކަށް ވިޔަފާރިގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ބީސީސީގެ ރިސާޗް ކޮންސަލްޓަންޓް އިބްރާހީމް މިފްރާހު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި މުބާރާތް ބާއްވާ މަޤްސަދަކީ ޒުވާނުންނަށް ވިޔަފާރިކުރުމުގެ މަގު ތަނަވަސްކޮށްދިނުން. އަދި ޚާއްސަކޮށް ޒުވާން ވިޔަފާރިތަކަށް ޅަފަތުގައި ދިމާވާ ދަތިތައް ނައްތާލަން އެހީތެރިކަން ފޯރުކޮށްދިނުން. އެގޮތުން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން." އިބްރާހީމް މިފްރާހު ވިދާޅުވިއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ދަނީ ގޭގައި ތިބެގެން ކާބޯތަކެތި ހަދާ ފަރާތްތަކަށް އަމާޒުކޮށްގެން ގިނަ ބަޔަކަށް އެއްފަހަރާ ބޭނުންކުރެވޭ ބަދިގެ ނުވަތަ ކޯ-ޝެއާޑް ކިޗަންގެ ޚިދުމަތް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެށުމަށް ތައްޔާރުވަމުންނެވެ.
ހަމައެއާއެކު ކޯ ވޯކް ސްޕޭސް، ޕެކޭޖިންގ ފެސިލިޓީ، ޕްރޮޑަކްޓް ސަރޓިފިކޭޝަންގެ ޚިދުމަތް، އަދި އެސްއެމްއީ ރޭޓިންގ ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތާއި އިންކިއުބޭޝަން ސެންޓަރ ޤާއިމްކުރުމުގެ މަސައްކަތްވެސް ބީސީސީން ދަނީ ކުރަމުންނެވެ.