ޚަބަރު

ގދ. އަތޮޅުގެ ރިސޯޓަކުން މާލެ ދަތުރުކުރި ދޯންޏެއްގައި އަލިފާން ރޯވެއްޖެ


ގދ. އަމަރި ހަވޮއްޑާ މޯލްޑިވްސް ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި ދޯންޏެއްގެ އިންޖީނު ރޫމްގައި ރޯވެއްޖެއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ އަލިފާން ރޯވުމުގެ ސަބަބުން ދޯނީގެ އިންޖީނު ހުއްޓިފައިވާކަމަށެވެ.

ދޯނީގެ އިންޖީނު ހުއްޓި އޮޔާދާތީ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިޔާގެ ކޯސްޓް ގާޑުން ވަނީ ހަރަކާތްތެރިވެފައެވެ. މި ޙާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބިފައިވަނީ ރޭގެ 10:30 ހާއިރެވެ.

މި ޙާދިސާގެ އިތުރުން ރޭގެ ވަގުތެއްގައި ތާޖް ކޮރަލް ރީފް ރިސޯޓު އެންޑް ސްޕާގައިވެސް އަލިފާނުގެ ޙާދިސާއެއްވެސް ވަނީ ހިނގާފައެވެ. މި ޙާދިސާގައި ރިސޯޓުގެ މޫދު ކޮޓަރީގެ ތެރެއިން ދެ ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ތާޖް ކޮރަލް ރީފް ރިސޯޓުން މަޢުލޫމާތު ދެއެވެ.

އެ ރިސޯޓުން މަޢުލޫމާތުދިން ގޮތުގައި އެމްއެންޑީއެފްއިން ރިސޯޓަށް ދިޔަ އިރުވެސް ރިސޯޓުގެ މުވައްޒަފުން ވަނީ އަލިފާން ނިއްވާލާފައެވެ. މި ޙާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބިފައިވަނީ ރޭގެ 10:44 ހާއިރެވެ.